ޚަބަރު

ވިޓްކޮފްގެ ހުށަހެޅުމަށް ޙަމާސުން "ބިނާކުރަނިވި" ޖަވާބެއް ދީފި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޖަވާބު ދީފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އައު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައި ވަނީ އޭނާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފެވެ. އޭނާގެ ހުށަހެޅުމަށް ޙަމާސުން "ބިނާކުރަނިވި" ޖަވާބެއް ދީފައިވީ ނަމަވެސް، ވިޓްކޮފްގެ އައު ހުށަހެޅުމުގައި ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓައިލާނެ ކަމުގެ ޔަގީންކަން ދީފައި ނުވާ ކަމުގައި ޙަމާސުން ބުންޏެވެ.

ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ބިސްމު ނަޢީމް ވިދާޅުވީ ވިޓްކޮފްގެ ހުށަހެޅުމަށް އެ ޖަމާޢަތުން ދީފައި ވަނީ ބިނާކުރަނިވި އަދި ކުރިއަށް ދެވޭނެ ފަދަ ޖަވާބެއް ކަމުގައެވެ. ނަމަވެސް، އެއީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެ ޖަމާޢަތުން އެއްބަސްވެފައިވާ ހުށަހެޅުމާ ތަފާތު ހުށަހެޅުމެއް ކަން އޭނާ ހާމަކުރެއްވިއެވެ.

"މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިޓްކޮފް ހުށަހެޅުއްވި ހުށަހެޅުމަށް އަޅުގަނޑުމެން އެއްބަސްވިން، އަދި އެ ހުށަހެޅުމުގައި ކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމުގައި އަޅުގަނޑުމެން ދެންނެވިން، ނަމަވެސް، އޭނާ އަނެއް ޕާޓީ [ޔަހޫދީން] ގާތަށް ގޮސް އެނބުރި ވަޑައިގެންނެވީ މުޅިން އައު ހުށަހެޅުމަކާ އެކު، އޭގައި ކުރިން އެއްބަސްވެފައިވާ އެއްވެސް ކަމެއް ހިމަނާފައެއް ނެތް،" ނަޢީމް ވިދާޅުވިއެވެ.

ޙަމާސުން ބުނީ އެ ޖަމާޢަތަކުން އެއްބަސްވެފައި ވަނީ ޙަމަލާ ބަދަލު ކުރުން ދާއިމަށް މެދުކަނޑައިލައި، ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ބިމުން ބޭލުމަށް ކަމުގައެވެ. އަދި، މެދުކެނޑުމެއް ނެތި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ކަމުގައެވެ. އޭގެ ބަދަލުގައި، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެެއިން 10 މީހުން މިނިވަންކޮށް، މަރުވެފައިވާ 18 އަސީރެެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކުރުމަށް އެއްބަސްވެފައިވާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ބަޔަކު މިނިވަން ކުރުމަށް ވެސް ޙަމާސުން ވަނީ ހުށަހަޅާފައެވެ.

ނަމަވެސް، ވިޓްކޮފް ވިދާޅުވީ ޙަމާސްގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ކަމުގައެވެ. "މިހާރު ހުށަހަޅާފައިވާ އޮނިގަނޑަށް އެއްބަސްވެ ކުރިއަށް އޮތް ހަފުތާތަކުގައި އިތުރު މަޝްވަރާތައް ފެށުމަށް ޙަމާސުން ނިންމަން ޖެހޭ،" ވިޓްކޮފް ވިދާޅުވިއެވެ. "60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލެވެން އޮތް ގޮތަކީ އެއީ، އެއިރުން [ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި] އަސީރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މިނިވަންކޮށް، މަރުވެފައިވާ އަސީރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ހަށިތައް އެ މީހުންގެ ޢާއިލާތަކާ ޙަވާލު ކުރެވެން ޖެހޭނެ."

ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ޙަމާސްގެ އެންމެ ފަހުގެ ޖަވާބު ބަލައިނުގަންނާނެ ކަމުގައި ބުނެފައެވެ. އަދި، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ފުޅާކޮށް، ކުރިއަށް ގެންދާނެ ކަމުގައި އޭނާ ބުންޏެވެ. ޣައްޒާގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ޢުދުވާނީ ޙަމަލާތައް ދިނުމުގެ އިތުރުން އެ މީހުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް އޭނާ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

މާރިޗު 2ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުން ހުއްޓުވާފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ ކަންކަން މިހާރު އޮތީ ޔަހޫދީންގެ އަތްދަށަށް ގެންގޮސްފައެވެ. އެ ކަން ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާތްގާއެކު އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) ޖަމުޢިއްޔާ މެދުވެރިކޮށެެވެ. ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނަމުގައި ޖީއެޗްއެފް މެދުވެރިކޮށް ޔަހޫދީން މިހާރު ދަނީ ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ.

އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުން ބުނީ، ޣައްޒާގެ ކޮންމެ ފަސް މީހަކުން އެކަކަށް މި ވަގުތު ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި، ޣައްޒާގެ އާބާދީގެ %100 މީހުން ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ދެ މަސް ދުވަހަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އެ ސަހަރުގެ ސަރަޙައްދީ ރޮނގުގެ ބޭރުގައި ޔަހޫދީން ހިފަހައްޓާފައިވާ ކަމުގައެވެ.