ޚަބަރު

އިރުއޮއްސުމުގެ ކުރިން މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭނެ: ސްޓެލްކޯ


  • ކަރަންޓު ކެނޑުނީ މެނދުރު 12:30 ހާއިރު

  • މާލެ ސަރަހައްދުގެ ބޮޑު ބަޔަކަށް ކަރަންޓުވަނީ ދީފައި

އިރުއޮއްސުމުގެ ކުރިން މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓު ޚިދުމަތް ދެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ކަރަންޓު ކެނޑުނު މައްސަލައާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލެ، ހުޅުލެ، ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ މިއަދު މެނދުރު 12:30 ހާއިރުއެވެ. ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ސްޓެލްކޯއިން ބޭއްވި، ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނިން ވިދާޅުވީ މިހާރު މާލެ ސަރަހައްދުގެ ބޮޑު ބަޔަކަށް ކަރަންޓު ދެވިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ 60 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކަށް މިހާރު ކަރަންޓު ދެވިފައިވާއިރު، ހުޅުމާލެއިން މިވަގުތު ކަރަންޓު ނުދެވެނީ ފޭސް 2 ގެ ބައެއް ސަރަހައްދު ތަކަށެވެ. އެގޮތުން ހިޔާ ޓަވަރުތަކުގެ ތެރެއިން 1 އިން 8 އަށް އަދި ވިނަރެސް ފްލެޓްތަކަށް ކަރަންޓު ދިނުމަށް މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓު މައްސަލަ ދިމާވުމުން އެންމެ ފުރަތަމަވެސް ބެލީ ކަރަންޓު ޚިދުމަތް އަލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް ބޭލި ބެލުމުން އެއްވެސް ބޮޑު އިކުއިޕްމަންޓަކަށް ނުވަތަ ގްރިޑުގެ ބަޔަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިވަގުތު މިމައްސަލަ ދިމާވީ ސީދާ ސަބަބު އަދި ދެނެގަނެވިފައި ނުވިނަމަވެސް ކަރަންޓު ޚިދުމަތް އެއްކޮށް ދިނުމަށް ފަހު އެކަން ބަލާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުންދާއިރު މިމައްސަލަ ދިމާވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ. ސަރުކާރުން ދަނީ މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.