ޚަބަރު

ސައިބީރިޔާއަށް ޙަމަލާދީ ރަޝިޔާގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދީފި


ޔޫކްރެއިނުން ރަޝިޔާގެ ސައިބީރިޔާގައި އޮތް އަސްކަރީ މަރުކަޒުތަކާއި ވައިގެ ބަނދަރުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ސައިބީރިޔާއަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ކުރީ ސަފާ 4,300 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެކެވެ. މިއީ، ރަޝިޔާގެ އެތެރޭގެ ސަރަޙައްދަކަށް ޔޫކްރެއިނުން މި ފަދަ ބޮޑު، އަދި ނުރައްކާތެރި ޙަމަލާތަކެއް ދިން ފުރަތަމަ ފަހަރެވެ.

ޔޫކްރެއިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ސައިބީރިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކުގައި އޮތް މަތިންދާބޯޓުތަކަށެވެ. އެ ޙަމަލާތަކުގައި، ނިއުކްލިޔަރ ހަތިޔާރު އުފުލުގެ ޤާބިލު ކަން ލިބިފައިވާ ގިނަ އަދަދެއްގެ ބޮންއަޅާ މަތިންދާބޯޓަށް ގެއްލުންދީފައިވާނެ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ ބައެއް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިރްކޫތްސްކްގައި އޮތް ބިޔެލެޔާ އަސްކަރީ ވައިގެ ބަނދަރަށެވެ. އެ ސަރަޙައްދުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ، ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުގައި ރޯވެ، އަނދަމުންދާ މަންޒަރެވެ.

ޔޫކްރެއިންގެ ޖާސޫސީ އިދާރާއިން ބުނީ، އެ ޙަމަލާތަކުގައި ރަޝިޔާގެ އަސްކަރިއްޔާގެ 40 ވަރަކަށް މަތިންދާބޯޓަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައެވެ. އެއީ، ޔޫކްރެއިންގެ މަދަނީ ސަލާމަތާ ބެހޭ އިދާރާ (އެސްބީޔޫ)ގެ ސިފައިން ދީފައިވާ ޑްރޯން ޙަމަލާތަކެއް ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.

ޔޫކްރެއިންގެ ޙަމަލާތަކުގައި ގެއްލުން ދީފައި ވަނީ ޓީޔޫ-95 އަދި ޓީޔޫ-22 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ކަމުގައި ޔޫކްރެއިންގެ ޖާސޫސީ އިދާރާގެ މަޞްދަރުތަކުން ބުންޏެވެ. އިރްކޫތްސްކްގެ ގަވަރުނަރު އީގޯ ކޯބްޒެފް ވަނީ، އެ ރަށުގައި އޮތް އަސްކަރީ މަރުކަޒަކަށް ޔޫކްރެއިނުން ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، އެ ޙަމަލާތަކުގައި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކަށް ގެއްލުން ލިބިފައިވާ ކަން އޭނާ ކަށަވަރު ކޮށްދެއްވާފައެއް ނުވެއެވެ.

ކޯބްޒެފް ވިދާޅުވީ، މިއީ ސައިބީިރިޔާގެ ސަރަޙައްދަކަށް ޔޫކްރެއިނުން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރު ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ޑްރޯންތައް އުދުއްސައިލާފައި ވަނީ އެ ސަރަޙައްދުގައި އޮތް ލޮރީއަކުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޑްރޯންތަކާ އެކު ލޮރީ އެ ސަރަޙައްދަށް ދަތުރު ކޮށްފައިވާ ގޮތް ސާފެއް ނޫނެވެ. ބިޔެލެޔާ ވައިގެ ބަނދަރަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ މުހިންމު ވައިގެ ބަނދަރެކެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނި ގޮތުގައި، ޔޫކްރެއިންގެ ރަށްތަކަށް ވައިގެ ޙަމަލާ ދިނުމަށް ބޭނުން ކުރާ ޓީޔޫ-22އެމް މަރުކާގެ ގިނަ އަސްކަރީ މަތިންދާބޯޓުތައް ދަތުރު ކުރަނީ އެ ވައިގެ ބަނދަރުންނެވެ. ބިޔެލެޔާގެ އިތުރުން ރަޝިޔާގެ އުތުރު މޫރްމަންސް ސަރަޙައްދުގައި އޮންނަ އަލީނިޔާ އަސްކަރީ ވައިގެ ބަނދަރަށް ވެސް ޔޫކްރެއިނުން ވަނީ ޑްރޯން ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ލިބިފައިވާ ގެއްލުމުގެ މަޢުލޫމާތު ސާފެއް ނޫނެވެ. އެެއީ ވެސް ރަޝިޔާގެ ގިނަ އަދަދެއްގެ އަސްކަރީ މަތިންދާބޯޓުތަކުގެ މައި މަރުކަޒެވެ.