ކުޅިވަރު

އޭސީ މިލާނުގެ ރެއިންޑާސް ސިޓީއަށް


އޭސީ މިލާނުގެ ނެދަލަންޑްސް މިޑްފީލްޑަރު ޓިޖާނީ ރެއިންޑާސް، އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއާ ގުޅެން ނިންމައިފިއެވެ.

ކުޅުންތެރިން މި ކަމަށް ރުހި ގަބޫލުލުވިއިރު މިހާރު ކުރި އަށް ދަނީ ދެ ކުލަބުން ކުރަން ޖެހޭ ފަހުގެ މަޝްވަރާތަކެވެ. ރެއިންޑާސް ވިއްކާލަން މިލާނުން ހަމަޖައްސާފައިވާ އަގަކީ 75 މިލިއަން ޔޫރޯ އެވެ. ނަމަވެސް ސިޓީން ބޭނުންވަނީ މި އަށްވުރެ ކުޑަ އަގެއްގައި އޭނާ ގަތުމަށެވެ. މި ގޮތުން ހުށަހަޅާފައިވަނީ 65 މިލިއަން ޔޫރޯ އާއި ފަސް މިލިއަން ޔޫރޯގެ ބޯނަސްއެކެވެ. ނަމަވެސް މިލާނުން ޑިމާންޑް ކުރަމުންދަނީ ސީޒަނުގެ މެދަކާ ހަމައަށްދާއިރު ރެއިންޑާސް ކުޅޭ މެޗުތަކާއި ހޯދާ ކުރިއަށް ބަލާފައި އެ ކުލަބަށް 75 މިލިއަން ޕައުންޑް ހޯދޭނެ ގޮތެކެވެ.

އިޓަލީގެ މީޑިޔާތަކުން ބުނަނީ ބަހާލައިގެން އޭނާގެ ފީ ދައްކާނަމަ ސިޓީން މިކަމަށް ގަބޫލުވާނެ ކަމަށެވެ.
އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ މިލާނާ ގުޅުނީ 2023 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް 73 މެޗު ކުޅެދީ 13 ގޯލު ޖަހާފަ އެވެ. އަދި ނެދަލޭންޑްސްގެ ގައުމީ ޓީމަށް 22 މެޗުން ހަތަރު ގޯލު ޖަހައިދީފަ އެވެ.

ރެއިންޑާސް އަށް ސިޓީން ހުށަހަޅެނީ ހަތް މިލިއަން ޔޫރޯގެ މުސާރައެކެވެ. މިހާރު އޭނާ އަށް މިލާނުގައި ލިބެނީ އަހަރަކު ތިން މިލިއަން ޔޫރޯގެ މުސާރައެކެވެ.

ސިޓީން ރެއިންޑާސް ގަތުމަށް ބޭނުންވީ އެ ކުލަބުގެ ކެޕްޓަން އަދި ތަޖުރިބާކާރު މިޑްފީލްޑަރު ބެލްޖިއަމްގެ ކެވިން ޑެބްރޫނާ މި ސީޒަނަށް ފަހު ކުލަބުން ވަކިވާން ނިންނުމުންނެވެ. ސިޓީން މިހާރު މަސައްކަތް ކުރަމުން ދަނީ މި މަހުގެ 15 ވަނަ ދުވަހު ފަށާ ކުލަބު ވޯލްޑް ކަޕުގެ ކުރިން ރެއިންޑާސް އެ ކުލަބަށް ގެނައުމަށެވެ.