މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދު %6.4 އިތުރުވެއްޖެއެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން ޝެޑިއުލްކޮށްގެން މި މުއްދަތުގައި ރާއްޖެއަށް ދަތުރުކުރި އެއަރލައިންތަކުގެ އަދަދަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 7 ލައްކަ ފަތުރުވެރިންނާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖެއަށް ދަތުރުކުރި ބައިނަލްއަޤްވާމީ އެއަރލައިންތަކުގެ އަދަދުވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ޝެޑިއުލްކޮށްގެން އެކިއެކި ބައިނަލްއަޤްވާމީ އެއަރލައިންތަކުންވަނީ ރާއްޖެއަށް 5809 ދަތުރު ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކޮށްފައިވަނީ 5378 ދަތުރެވެ. އެހެންކަމުން މިއީ %6.4 އިތުރުވުމެކެވެ.
ޖެނެރަލް ފްލައިޓްސްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެ އައިސްފައިވަނީ 555 ފްލައިޓެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 604 ގައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖޭގެ ފަތުރުވެރިކަމުގައި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ހުރީ 61،919 ގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %0.8 އިތުރުވުމެކެވެ.
ރާއްޖެ އަންނަ ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު އެމްއޭސީއެލްގެ އާމްދަނީވެސް އަންނަނީ ބޮޑުތަނުން ކުރިއަރަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެމްއޭސީއެލްއަށް ލިބުނު ފައިދާ އެއް ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުން މިއީ އޭގެ ކުރީ އަހަރަށް ވުރެ 18 ޕަސެންޓް އިތުރު ފައިދާއެކެވެ. އެއީ ގާތްގަނޑަކަށް 192 މިލިއަން ރުފިޔާ އިތުރު އަދަދެއްކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.