ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުން، ނެތެމުންދާ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލުތައް އަލުން ދިރުވައި، ނަގަހައްޓާނެކަމުގެ ޔަޤީންކަން، އެ ޤައުމުގެ ރައީސްކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، ލީ ޗޭއި-މައިޔޮންގް ދެއްވައިފިއެވެ.
ދެކުނު ކޮރެޔާގައި ކުއްލި ރިޔާސީ އިންތިޚާބު ބާއްވާފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމުގެ ދަޢުވާގައި އިތުބާރު ގެއްލިފައިވާ ކަމުގައި ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށް، ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައި ހުންނަވަނިކޮށް އޭރު ރައީސްކަމުގައި ހުންނެވި ޔޫން ސުކް ޔޯލްގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވާ ކަމަށް ޙުކުމްކޮށް، ރައީސް ކަމުގެ މަޤާމުން ދުރުކުރުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުން ނިންމުމާ ގުޅިގެންނެވެ.
ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރެއްވި ލީ އަށް ކުރިމަތިވެފައިވަނީ، ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބައިބައިވެފައިވާ ޤައުމެއް އެއްބައިވަންތަ ކުރުމުގެ މައްޗަށް، ދެކުނު ކޮރެޔާގެ އެންމެ ވަރުގަދަ މަދަގުދާރު އެމެރިކާއިން ކުއްލި ކުއްލިއަށް އަޅަމުންދާ ފިޔަވަޅުތަކަށް ސިޔާސަތުތައް ބައްޓަން ކުރެއްވުމެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޤައުމާ މުޚާތަބު ކުރައްވަމުން، ރައީސް ލީ ވަނީ، އެ މަނިކުފާނުގެ ސަރުކާރަކީ "ޕްރޯ-މާކެޓް" ސަރުކާރަކަށް ވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ވިޔަފާރިތަކަށް އީޖާދީ އައު ވިސްނުންތަކަށް ޖާގަ ދެއްވުމަށް، މިހާރުގެ ޤަވާޢިދުތަކަށް ލުއި ދެއްވުމުގެ އިތުރުން، އުތުރު ކޮރެޔާ އާއެކު މަޝްވަރާގެ އުޞޫލު އިސްކުރައްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަނގުރާމަ ކޮށްގެން ކާމިޔާބު ހޯދުމަށްވުރެ ހަނގުރާމަ ނުކޮށް މޮޅުވުން މާ ރަނގަޅު. ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތް. ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ރަނގަޅު މަގަކީ ސުލްޙާ،" ވާދަވެރި އުތުރު ކޮރެއާއާ އެކު ބާއްވަވަން ވިސްނަވާ ގުޅުމަށް އިޝާރާތް ކުރައްވައި، ލީ ވިދާޅުވިއެވެ.
ދެކުނު ކޮރެޔާގެ އިލެކްޝަންސް ކޮމިޝަނުން ރަސްމީ ނަތީޖާ އިޢުލާނުކުރުމާއެކު، ރައީސް ލީ ވަނީ މަޤާމުގެ މަސްޢުލިއްޔަތުތަކާ ވަގުތުން ޙަވާލުވެވަޑައިގެން، މަސައްކަތް ފައްޓަވައިފައެވެ.
ހުރިހާ ވޯޓު ކަރުދާހެއް ގުނާފައިވާއިރު ގާތްގަނޑަކަށް 35 މިލިއަން ވޯޓުގެ 49.42 އިންސައްތަ ލީ ހޯއްދެވިއިރު، ވާދަވެރި ކޮންޒަވޭޓިވް ކެންޑިޑޭޓް ކިމް މޫން-ސޫ އަށް ލިބިވަޑައިގެންނެވީ ވޯޓުގެ 41.15 އިންސައްތަ އެވެ. މިއީ 1997 ވަނަ އަހަރަށްފަހު ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ވޯޓުލާން މީހުން ނުކުތް ފަހަރެވެ.
ލީ ވަނީ ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުންދިޔުމުގެ ކަންބޮޑުވުންތަކާއި ކުދި ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ސަމާލުކަންދީގެން ވެރިކަމުގެ ފުރަތަމަ ދުވަހު ޤައުމަށް ކުރިމަތިވެފައިވާ ކުއްލި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.