ޚަބަރު

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޚާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވައިފި


  • މިއީ ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މުބާރާތެއް

  • ފެއަރ ޕްލޭ ޓީމާއެކު ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅުނު

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް ފުޓްސަލް މުބާރާތެއް ބާއްވައިފިއެވެ.

"އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް"ގެ ނަމުގައި ބޭއްވި މިމުބާރަތަކީ ޤައިދީން ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން ބޭއްވި މުބާރާތެއް ކަމަށް ކަރެކްޝަންސްއިން ވިދާޅުވެއެވެ.

މިމުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދައުލަތުގެ ވަޒީރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ވަނީ ކުޅެފައެވެ. މިއީވެސް މިހާތަނަށް ރާއްޖޭގައި އަލަށް ކޮށްފައިވާ ކަމެކެވެ.

ޤައިދީންނާއެކު ކުޅުނު އެކުވެރިކަމުގެ މެޗުގައި ބައިވެރިވި ވަޒީރުންނާއި އިސްބޭފުޅުން:

* ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް
* ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
* އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
* މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
* ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް
* ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް
* ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަޙްމަދު ޢަލީ ޙަބީބް
* މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް

މީގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މިމުބާރާތުގައި ގިނަ ވަނަތަކެއް ވަނީ ހޮވާފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ބެލުމަށް ޤައިދީންގެ އާއިލާތަކުންވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މި މުބާރާތަކީ ޤައިދީންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެފަދަ ކަންކަން އިތުރަށް ފުޅާކޮށްދިނުމަށް ޤައިދީން އެދިފައިވާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ. އަދި މިއީ ޤައިދީން ރަނގަޅުވެ މުޖުތަމައަށް ނުކުތުމަށް ހިތްވަރުދޭ ހަރަކާތެއް ކަމަށްވެސް ޤައިދީން ފާހަގަކުރާ ކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ.