އެމެރިކާއިން ބޭނުންވާ ގޮތަށް، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓައިނުލާނެކަމަށް، އެ ޤައުމުގެ ރޫހާނީ ވެރިޔާ އާޔަތުﷲ އަލް ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެމެރިކާއާ އެކު މިހާރު ދަނީ މުހިންމު މަޝްވަރާތަކެއް ކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭނުމަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓުރޯލު ކުރުމެވެ. އަދި، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ މަސައްކަތްތައް ހުއްޓުވުމެވެ. އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމާއި، ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ޤަބޫލު ކުރައްވައެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ތަފާތު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބޭއްވުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު އޮމާން މެދުވެރިވެގެން، ނިއުކްލިޔަރ އެއްބަސްވުމާ ގުޅޭ އެމެރިކާގެ ހުށަހެޅުންތައް އީރާނަށް ވަނީ ފޮނުވައިފައެވެ.
ނިއުލްލިކަރ ހަތިޔާރެއް އުފެއްދުމަށް ނޫނަސް، މަދަނީ ބޭނުމަށް އެކަނި ވެސް ޔުރޭނިއަމް މުއްސަނދި ކުރަމުން ދިޔުމަށް އީރާނުން ބޭނުންވާއިރު މިއީ އެމެރިކާއިން އެދޭ ގޮތެއް ނޫނެވެ. ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލުމަށް އެމެރިކާއިން ޝަރުތުކުރާއިރު، އެ ޝަރުތައް އެއްބަސް ނުވެވޭނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
އެކަން އިއްޔެ ޓީވީތައް މެދުވެރިކުރައްވައި ދެއްވި ބަސްދީގަތުމެއްގައި ޚާމަނާއީ ވަނީ ތަކުރާރުކުރައްވައިފައެވެ. އަދި ޔުރޭނިއަމް މުއްސަނދިކުރުމަށް ހުރަސްއަޅާ ކޮންމެ ހުށަހެޅުމަކީ، 100 އިންސައްތަ އީރާނުގެ މަސްލަޙަތާ ފުށުއަރާނެ ހުށަހެޅުމަށްކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
އެމެރިކާގެ "ބޮޑާ އަދި ކިބުރުވެރި" ލީޑަރުންނަށް އީރާނުގައި ނިއުކްލިޔަރ ޕްރޮގްރާމެއް އޮތުމާއި ނެތުމުގެ ނިންމުމެއް ނުނިންމޭނެ ކަމަށް ވިދާޅުވެ، ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓައިނުލާނެކަމަށް ޚާމަނާއީ ތަކުރާރުކުރެއްވިއެވެ.
ޔުރޭނިއަމް މުއްސަނދި ކުރުމުގެ ވިސްނުން ދޫކޮށްނުލައިފިނަމަ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.
އީރާނުން މިހާރު ވެސް 60 އިންސައްތަ ސާފު މިނަށް ޔުރޭނިއަމް މުއްސަނދި ކުރަމުންދާއިރު، ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައިގެ ސާފު މިނަށް ޔުރޭނިއަމް މުއްސަނދި ކުރުމަކީ އެ ޤައުމަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އައިއޭއީއޭއިން ލަފާ ކުރާ ގޮތުގައި އީރާނުގެ އަތުގައި މިހާރު ހުރި ޔުރޭނިއަމް އިތުރަށް މުއްސަނދި ކޮށްފި ނަމަ އެ ޤައުމަށް ހަ ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެއެވެ.