މައްކާގެ މުޤައްދަސް ސަރަޙައްދުތައް ތަރައްޤީ ކުރުމުގައި ޙަރަކާތްތެރިވާ މައިގަނޑު ކުންފުނި، ކިދާނާ ޑިވެލޮޕްމަންޓް ކޮމްޕެނީން މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ޙައްޖުވެެެރިންނަށް އަމާޒުކޮށް ދެ ބުރީގެ ފޭލިގެތަކެއް މިނާގައި ތަޢާރަފް ކޮށްފިއެވެ.
ޙައްޖުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ފަށާފައިވާ އައު މަސައްކަތްތަކުގެ ދަށުން މުޤައްދަސް ސަރަޙައްދުތަކުގައި ޙައްޖުވެރިން މަޑުކޮށްގެން ތިބޭ ތަންތަނަށް ވަނީ ފާހަގަ ކޮށްލެވޭ ކުރިއެރުންތައް ގެނެސްފައެވެ. އެ ގޮތުން ޙައްޖުވެރިންގެ އަރާމާއި ރައްކާތެރިކަމަށް އިސްކަންދޭ ފެންވަރު ރަނގަޅު ފޭލިގެތަކުގައި އެ މީހުން ބޭތިއްބުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ. މި ތަންތަނަކީ ޙައްޖުގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ތަންތަނެވެ.
ކިދާނާއިން ބުނީ ދެ ބުރީގެ ފޭލިގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ކަމަށެވެ. މި މަޝްރޫޢުގެ 75 އިންސައްތައަށް ޚަރަދު ކޮށްފައި ވަނީ އަލިއްލަ ކުންފުނިތަކުންނެވެ. މި މަޝްރޫޢުގެ ދަށުން 20،000 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކޮށްފައިވެއެވެ. އެ ސަރަޙައްދުގައި 40 އިމާރާތް އަޅާފައިވާ އިރު އެ އިމާރާތްތަކުގައި ޖުމްލަ 550 ފާހާނާ ހިމެނެއެވެ. މި މަސައްކަތް ފުރިހަމަ ކޮށްފައި ވަނީ ގާތްގަނޑަކަށް 100 ދުވަހުންނެވެ.
ސަޢުދީ ޢަރަބިއްޔާއަށް ނިޞްބަތްވާ ޙައްޖުވެރިންނާއި ޤައުމުން ބޭރުގެ ޙައްޖުވެރިންގެ ތެރެއިން 8،000 ޙައްޖުވެެރިންނަށް ތިބެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މި ފޭލިގެތަކުގެ ސަބަބުން ޙައްޖުވެެރިންނަށް ރަނގަޅު ތަޖުރިބާއެއް ކުރެވޭނެ ކަމަށް އުންމީދު ކުރާކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެއެވެ. މި މަޝްރޫއުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ ޚިދުމަތްތަައް އިތުރަށް ފުޅާކޮށް، މިނާގެ ބޯހިޔާވަހިކަމުގެ ފެންވަރު ރަނގަޅުކޮށް ޙައްޖުގެ ތަޖުރިބާ ރަނގަޅު ކުރުމަށެވެ.
މިނާގައި ތައްޔާރު ކޮށްފައިވާ ފޭލިގެތައް ފަރުމާ ކޮށްފައި ވަނީ ޒަމާނީ އަދި ދެމެހެއްޓެނިވި ޑިޒައިނަކަށެވެ. އެ އިމާރާތްތައް ފަރުމާ ކުރުމުގައި އެ އެ ސަރަހައްދުގެ ޚާއްޞަ ސިފަތައް ރައްކާތެރިކޮށް، ޚައްޖުވެރިންނަށް ރައްކާތެރި އަދި އަރާމު މާހައުލެއް ކަށަވަރު ކޮށްދިނުމަށް އިސްކަން ދީފައިވެއެވެ.