ކުޅިވަރު ޤާނޫނުގެ ސަބަބުން ދެން ދިވެހި ކުޅިވަރުން ފެނިގެންދާނީ ހެޔޮ ބަދަލެއްގެ ފެށުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގަ ރާފިޢު ވިދާޅުވީ ކުޅިވަރު ގާނޫނުގައި ހިމެނޭ ގިނަ ކަންކަމަކީ މިހާރު ވެސް މަސައްކަތް ކުރެވިފަ ހުރި ކަންތައްތައްކަމަށެވެ. ހުސްވި އަހަރު ދިގުރާސްތާ ޕްލޭނެއް ގާއިމުކޮށް އެސޯސިއޭޝަންތަކާ ގުޅިގެން މިޕްލޭން އާއި އެއްގޮތަށް ތަފްސީލީ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވަވާފައެވެ.
މިދިޔަ އަހަރު ކުރެވުނު އެންމެ މުހިންމު ކަމެއްގެގޮތުގައި މުހިއްމު ކަންކަން ކުރުމަށް ބޭނުންވާ ޓީމުތައް އެކުލަވާލައި، އެޓީމުތަކުގެ އެހީގައި ހޯދަން ބޭނުންވާ ހުރިހާ މައުލޫމާތެއް މިހާރު އެއްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރު ގާނޫނާ ވިދިގެން އަދިވެސް ކުރަން ހުރި މަސައްކަތްތައް ގިނަ ކަމަށާއި، މިވަގުތު އެންމެ އިސްކަމެއް ދެއްވާނީ އެސޯސިއޭޝަންތަކާ މަޝްވަރާ ކުރުމަށްފަހު ކަންކަން ކުރިއަށްގެންދިޔުމަށް ކަމަށެވެ.
"މިސާލަކަށް ރީޖަނަލް އެސޯސިއޭޝަންތައް ފޯމު ކުރުމުގަ އާއި ސްޕޯޓްސް ފަންޑް ގާއިމުކުރުމުގަ އާއި މިސާލަކަށް ފަންޑަށް ފައިސާ ހޯދާނެ ގޮތްތަކަކީ ކޮބާތޯ" ވަޒީރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރުތަކަށް ކަނޑައެޅިގެންދާ ބަޖެޓަށް ބަރޯސާ ނުވެ ވަރަށް ގިނަކަންކަން ކުރަންޖެހޭ ކަމަށާއި، ކުޅިވަރު ފަންޑު ގާއިމު ކުރުމަށް ޕްރައިވެޓް ސްކްޓަރގެ އެހީތެރިކަން ހޯދޭނެ ގޮތަކީ ކޮބާތޯ ބައްލަވާނެ ކަމަށާއި އަދި ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދޭނެ ގޮތްތަކެއްވެސް ބައްލަވާނެ ކަމަށެވެ.
"މިހާރު އަޅުގަނޑު ދެކޭގޮތުގައި މިހެން މި ފައިސާ ހެދީމަ، ބޭރުގެ އެކިއެކި ފަރާތްތަކާއި، މިސާލަކަށް ސްޕޯޓްސް އެޕެރަލް ހަދާ މީހުން ވެސް ތިބި، އެމީހުންގެ އެހީތެރިކަން ވެސް މިޔަށް ލިބިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
ރާފިއު ވިދާޅުވީ ކުޅިވަރުގެ ތަރައްގީއަށް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކުންފުނިތަކުންވެސް އެހީތެރެކަން ފޯރުކޮއްދޭން ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިން ވެސް ކުޅިވަރު ފަންޑަށް އެހީތެރިކަން ފޯރުކޮއްދޭން ބޭނުންވާ ކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ކުޅުންތެރިން ބިނާކުރުމަށް ބާރަކަށް ވެގެންދާނެކަމަށެވެ.
ކުޅިވަރު ފަންޑުގެ ކަންކަން މިނިވަންކަމާ އެކު ކުރިއަށް ގެންދިޔުމައްޓަކައި ކުޅިވަރު ފަންޑު ބޯޑެއް ހެދިގެންދާނެ ކަމަށާއި ބޯޑުގެ ބެއްލެވުމުގެ ދަށުން އުސޫލުތައް ކަނޑައެޅި ކަންކަން ރޭވިގެން ކުރިއައްދާނެ ކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ.
ކުޅިވަރު ގާނޫނުގެ ދަށުން ހެދިގެންދާ ޤައުމީ ކުޅިވަރު ފަންޑަށް ޖަމާކުރެވޭ ފައިސާއިން، ފަންޑުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމަށްޓަކައި، ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކުރުން ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ފަންޑާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ފަންޑު ހިންގުމަށްޓަކާ ޤައުމީ ކުޅިވަރު ފަންޑުގެ ބޯޑެއް އެކުލަވާލެވޭނެއެވެ. 7 މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް މެންބަރުން ޢައްޔަނުކުރައްވާނީ ކުޅިވަރާބެހޭ ވަޒީރެވެ.