ޚަބަރު

ވިލާތުގެ އެއަރލައިންތަކުން ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައި އޮތް މުއްދަތު އިތުރުކޮށްފި


ވިލާތުގެ ގިނަ ޤައުމުތަކެއްގައި ވައިގެ އުދުހުންތަކުގެ ޚިދުމަތްދޭ އެއަރލައިންތަކުން ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް ކުރާ އުދުހުންނަށް މެދުކަނޑައިލާފައިވާ މުއްދަތު އިތުރު ކުރުމަށް ނިންމައި، އެ ކަން އިޢުލާނު ކޮށްފިއެވެ. އެއަރލައިންތަކުން ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައިވާ މުއްދަތު ދަންމައިލުމަށް ނިންމާފައި މި ވަނީ، ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެންނެވެ.

ޔަހޫދީންނާ ދެކޮޅަށް ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ އަމާޒަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކާއި ފަލަސްޠީނުގެ މުސްލިމުންނަށް ވާގިވެރިވުމެވެ. އަދި، ބޭނުމަކީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ބޮޑެތި ރަށްތަކުގެ އިތުރުން އެ ޤައުމުގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރަށް ޙަމަލާތައް އަމާތައް ކުރަމުންނެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ ނުރައްކާތެރި މިސައިލްތަކާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކުރަމުންނެވެ.

ތެލް އަވީވަށް ބޭރުގެ އެއަރލައިންތަކުން ކުރާ ދަތުރުތައް މެދުކަނޑައިލާފައި ވަނީ، ޙޫޘީންގެ މިސައިލް ޙަމަލާތަކާ ގުޅިގެންނެވެ. ވިލާތުގެ ގިނަ އެއަރލައިންތަކުން ތެލް އަވީވަަށް ކުރާ ދަތުރުތައް އަނެއްކާ ވެސް މެދުކަނޑައިލާފައި މި ވަނީ، މޭ 4ވަނަ ދުވަހު ޙޫޘީ ޖަމާޢަތުން ތެލް އަވީވަށް ނުރައްކާތެރި މިސައިލް ޙަމަލާއެއް ދިނުމާ ގުޅިގެންނެވެ. ޙޫޘީންގެ މިސައިލް ޙަމަލާ އަމާޒު ކޮށްފައި ވަނީ ތެލް އަވީވުގެ މައި ވައިގެ ބަނދަރު، ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށެވެ. އެ ޙަމަލާއާ ގުޅިގެން ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން މަޖުބޫރުވިއެވެ.

ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައިވާ މުއްދަތު އިތުރު ކޮށްފައިވާ އެންމެ ބޮޑު އެއް ކުންފުންޏަކީ ޖަރުމަނުވިލާތުގެ ލުފްތަންސާ ގުރޫޕެވެ. އެ ކުންފުނީގެ ދަށުން ގިނަ އަދަދެއްގެ އެއަރލައިންތަކެއް އޮޕަރޭޓް ކުރަމުންދާއިރު އޭގެ ތެރޭގައި ސްވިސް، އޮސްޓްރިޔަން އެެއަރލައިންސް، ބްރަސަލްސް އެއަރލައިންސް އަދި ޔޫރޯވިންގސް ހިމެނެއެވެ. އެ ކުންފުނިން ވަނީ، ޖޫން 22ވަނަ ދުވަހާ ހަމައަށް ތެލް އަވީވަށް ކުރުމަށް އޮތް ދަތުރުތައް މެދުކަނޑައިލާފައެވެ.

ކެނެޑާގެ އެއަރ ކެނެޑާއިން ބުނީ، އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުރުތައް ސެޕްޓެންބަރު 8އާ ޖެހެންދެން މެދުކަނޑައިލާފައިވާ ކަމުގައެވެ. އިނގިރޭސިވިލާތުގެ ބްރިޓިޝް އެއަރވޭޒް ހިންގާ މައި ކުންފުނި، އައިއޭޖީން ބުނީ، ބްރިޓިޝް އެއަރވޭޒުން ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައި އޮތް އޮތުން ޖޫން 14އާ ހަމައަށް ދަމަހައްޓާނެ ކަމުގައެވެ. އެ ކުންފުނިން ހިންގާ ބަޖެޓް އެއަރލައިން، އައިބީރިޔާ އެކްސްޕްރެސުން ވެސް ވަނީ ޖޫން 30އާ ހަމައަށް ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައެވެ.

އިޓަލީވިލާތުގެ އައިޓީއޭ އެއަރވޭޒުން ބުނީ، އެ އެއަރލައިނުން ތެލް އަވީވަށް ކުރުމަށް ހަމަޖެހިފައި އޮތް ދަތުރުތައް ޖޫން 22އާ ހަމައަށް މެދުކަނޑައިލާފައިވާ ކަމުގައެވެ. ވިލާތުގެ އެންމެ ބޮޑު ބަޖެޓު ނުވަތަ އަގުހެޔޮ އެއަރލައިން ކަމުގައިވާ ރަޔަންއެއަރއިން ވެސް ވަނީ ތެލް އަވީވަށް ކުރުމަށް ހަމަޖައްސާފައި އޮތް ދަތުރުތައް ދިގު މުއްދަތަކަށް މެދުކަނޑައިލާފައެވެ. އެ ކުންފުނިން ބުނީ، ތެލް އަވީވަށް ކުރާ ދަތުރުތައް އަލުން ފަށާނީ ޖުލައި 31ގެ ފަހުން ކަމުގައެވެ. މީގެ އިތުރުން އިންޑިޔާގެ އެއަރ އިންޑިޔާއިން ވެސް ވަނީ ޖޫން 19އާ ޖެހެންދެން އެ އެއަރލައިނުން ތެލް އަވީވަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑައިލާފައެވެ.

ގިނަ އެއަރލައިންތަކަކުން ތެލް އަވީވަށް ކުރާ ދަތުރުތައް ކެންސަލް ކޮށްފައި އޮތް އޮތުން ދަމަހައްޓާފައިވާއިރު، ބައެއް އެއަރލައިންތަކުން ވަނީ އަލުން ތެލް އަވީވަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ލެޓްވިޔާގެ އެއަރބޯލްޓިކާއި، ފަރަންސޭސިވިލާތާއި ނެދަރލެންޑްސްގެ އެއަރ ފްރާންސް-ކޭއެލްއެމް، ޕޮލެންޑުގެ ލޫތު އަދި އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސް ހިމެނެއެވެ. އެއަރބޯލްޓިކުން ބުނީ، އެ އެއަރލައިނުން ތެލް އަވީވަށް ކުރާ ދަތުުރުތައް ޖޫން 6ގައި އަލުން ފެށުމަށް ނިންމާފައިވާ ކަމުގައެވެ.

މޭ 31ގައި އެއަރ ފްރާންސް-ކޭއެލްއެމްގެ އުދުހުންތައް ތެލް އަވީވަށް އަލުން ފަށާފައިވާއިރު، ލޫތުން ވަނީ ޖޫން 6ގައި ތެލް އަވީވަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ. މީގެ އިތުރުން ޔުނައިޓެޑް އެއަރލައިންސުން ވެސް ވަނީ ޖޫން 6ގައި އަލުން ތެލް އަވީވަށް އުދުހުންތައް ފެށުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް މެދުކެނޑުމެއް ނެތި ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޖަބާލިޔާއަށާއި، ބަޔިރް އަލް-ބަލަޙުގެ އިތުރުން ޚާން ޔޫނިސަށެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 100އަށް އުފުލިފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ. އެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރެއް އެމެރިކާއިން ވަނީ ވީޓޯގެ ބާރު ބޭނުންކޮށް ބާޠިލު ކޮށްލާފައެވެ.