2028 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖެލިސްގައި ބައްވާ އޮލިމްޕިކްސްއަށް ރާއްޖެއިން ތިން ކުޅިވަރަކުން ކޮލިފައިވެގެންދާތަން ފެންނަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.
އެމްއޯސީގެ ރައީސް މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވީ އޮލިމްޕިކް ކުޅިވަރު މުބާރާތަށް ރާއްޖޭން އިތުރު ކުޅިވަރުތަކުން ކޮލިފައިވެގެންދާތަން ދެކެން ވަރަށް ބޭނުންވާ ކަމަށާއި، އެގޮތުން ބެޓްމިންޓަން، ސާފިން އަދި ޓޭބަލް ޓެނިސް ކޮލިފައިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އޮލިމްޕިކްސްއަށް މިހާރު ރާއްޖޭން ކޮލިފައިވެގެން ދިޔައީ ޓީޓީ އެކަނި. ވަރަށް ބޭނުން އިތުރު ކުޅިވަރުތައް ކޮލިފައިވެގެންދާން. ޓީޓީ ކޮލިފައިވެގެން ދިޔައިރު އަޅުގަނޑު ބުނިން އަދި އިތުރު ތިން ކުޅިވަރެއް ކޮލިފައިވެދާތަން އެބަފެނެއޭ. އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން އެކަން އެހެންވާން" ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖެއިން ފޯކަސް ކުރަނީ އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ ކޮން ކުޅިވަރަކެށްތޯ ބަލައިގެން އެ ކުޅިވަރުތަކަށް އިސްކަންދީގެން ކަމަށެވެ.
އެގޮތުން އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައިވެސް ޓޭބަލް ޓެނިސް އަދި ބެޑްމިންޓަން އަށް ވަރަށް ބޮޑަށް ސަމާލުކަންދެވުނުކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވި ދިވެހި އެތުލީޓަކީ ޓޭބަލްޓެނިސް ތަރި ފާތިމަތު ދީމާ އަލީއެވެ.
ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކް ގޭމްސްއަށް ދީމާ ކޮލިފައިވީ، ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ.
ދެން އޮލިމްޕިކްސް ކުޅިވަރުު މުބާރާތް ބާއްވާނީ 2028 ވަނަ އަހަރުގެ ޖުލައި 14-30 އަށް އެމެރިކާގައެވެ.