ރާއްޖެއާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު 3-1 ގެ ނަތީޖާއަކުން ސިންގަޕޫރުން ކާމިޔާބުކޮށްފިއެވެ.
މިއީ ސިންގަޕޫރުން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.
ސިންގަޕޫރުގެ ބިޝަން ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ސިންގަޕޫރުން ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ކޯނަރަކުން ސިންގަޕޫރަށް ލީޑު ނަގައިދިނީ އަމީރުލް އަދްލީއެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި އިހްސާން ފާންޑީ ސިންގަޕޫރުގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 32 ވަނަ މިނެޓުގައި އޭނާ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑުވެސް ޖަހައިދީފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރާއްޖޭގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރާއްޖެއިން ކުޅުން ރަނގަޅުކުރިިއިރު، މި ހާފުގައިވެސް ސެންޓޭއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. އެކަމަކު މެޗުގެ 55 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި އަޙްމަދު ރިޒުވާން (ރިޒޭ) އެވެ. މިއީ ސިންގަޕޫރުގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ހަސަން ނަޒީމް (ޗޯޓު) އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މި މެޗުގެ ފުރަތަމަ 11 ގައި ހައިޝަމް ހަސަން ހިމެނި ނަމަވެސް، ވޯމްއަޕުގައި ލިބުނު އަނިޔާއަކާ ގުޅިގެން މެޗު ފެށީ އޭނާގެ ބަދަލުގައި އަޙްމަދު އައިހަމްއެވެ. މިއީ ގައުމީ ޓީމަށް އައިހަމް ކުޅުނު ފުރަތަމަ މެޗެވެ.
މީގެ އިތުރުން މި މެޗުގެ ފަހު ހާފުގައި ބަދަލަކަށް ކުޅެން ނުކުމެ ހައިސަމް ރަޝީދުވެސް ވަނީ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދީފައެވެ.
މި މޮޅާއެކު ސިންގަޕޫރުން ވަނީ އެ ޓީމު ބަލިވަމުން އައި ރިކޯޑަށް ނިމުން ގެނަސްފައެވެ. މި މެޗުގެ ކުރިން ސިންގަޕޫރު އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޓިމޯ ލެސްޓޭ އަތުންނެވެ.
އަދި މި ނަތީޖާއާއެކު ސިންގަޕޫރުން ވަނީ ރާއްޖެއާ ދެކޮޅަށް ސީނިއަރ ފުޓްބޯޅައިގައި ކުޅުނު އަށް މެޗުންވެސް މޮޅުވެފައެވެ. އަދި އެންމެ ފަހުން 2022 ވަނަ އަހަރު ސިންގަޕޫރުން ރާއްޖޭގެ މައްޗަށް ކުރިހޯދީވެސް 3-1 ގެ ނަތީޖާއަކުންނެވެ.
ސިންގަޕޫރު މެޗަށްފަހު ގައުމީ ޓީމު ދެން ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 10 ވަނަ ދުވަހު ޓިމޯ ލެސްޓޭއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައެވެ.