12 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަނާ ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ އެ ފަދަ ފިޔަވަޅެއް އަޅުއްވާފައި ވަނީ ބޭރު ޤައުމުތަކަށް ނިޞްބަތްވާ ނިރުބަވެރިންނާއި އެހެނިހެން ސަލާމަތީ ނުރައްކާތަކުން އެމެރިކާ ރައްކާތެރި ކުރުމަށްޓަކައި ކަމަށެވެ.
މި ނިންމުމަކީ މި އަހަރުގެ ކުރީކޮޅު ވެރިކަމުގެ ދެވަނަ ދައުރަކާ ޓްެރަމްޕް ޙަވާލުވެވަޑައިގަންނަވާ ތަޢާރަފް ކުރެއްވި އިމިގްރޭޝަނާ ގުޅޭ ހަރުކަށި ސިޔާސަތެއްގެ ދަށުން އަޅުއްވާފައިވާ ފިޔަވަޅެކެވެ. އެ ސިޔާސަތުގެ ދަށުން އެލް ސަލްވަދޯރުގެ ގޭންގުތަކާ ގުޅުންހުރި ކަމަށް ބެލެވޭ ވެނަޒުއެލާގެ އެތައް ސަތޭކަ ރައްޔިތުންނެއް ޤައުމަށް އަނބުރާ ފޮނުވައިލުމަށް ވެސް ވަނީ ނިންމަވާފައެވެ. އޭގެ އިތުރުން ބޭރު ޤައުމުތަކަށް ނިޞްބަތްވާ ދަރިވަރުން އެމެރިކާގެ މަދަރުސާތަކާއި ޔުނިވަސިޓީތަކުގައި ކިޔެވުމަށް ހުރަސްއެޅުމުގެ އިތުރުން އެމެރިކާއަށް އަނބުރާ ނާދެވޭ ގޮތަށް ބައެެއް ދަރިވަރުން އަމިއްލަ ޤައުމަށް ފޮނުވައިލުން ވެސް ހިމެނެއެވެ.
ޓްރަމްޕްގެ ނިންމެވުމުގެ އަސަރު ކުރާނީ އަފްޣާނިސްތާނާއި މިޔަންމާއާއި ޗޭޑްއާއި ކޮންގޯއާއި އިކުަޓޯރިއަލް ގިނީއާއި އެރިިތުރިޔާއާއި ހެއިޓީއާއި އީރާނާއި ލީބިޔާއާއި ސޮމާލިޔާއާއި ސޫދާނާއި ޔަމަނުގެ ރައްޔިތުންނަށެވެ. އިތުރު ހަތް ޤައުމެއްގެ މީހުން އެމެރިކާއަށް އެތެރެވުން ވެސް ހަނި ކޮށްފައިވެއެވެ. އެ ގޮތުން ބުރުންޑީއާއި ކޫބާއާއި ލާއޯސްއާއި ސިއެރާ ލިއޯންއާއި ޓޯގޯއާއި ތުރުކުމެނިސްތާނާއި ވެނެޒުއެލާގެ ރަައްޔިތުން އެމެރިކާއަށް އެތެރެވުމަށް ދަތިތަކެއް ހުންނާނެއެވެ.
އެކްސްގައި ޙިއްޞާ ކުރެއްވި ވީޑީޔޯއެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް ގެއްލުންދޭން ބޭނުންވާ ބަޔަކަށް އެ ޤައުމަށް ވަނުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ. ފިޔަވަޅު އަޅާފައިވާ ޤައުމުތަކުގެ ލިސްޓު މުރާޖަޢާ ކޮށް އިތުރު ޤައުމުތައް ހިމަނުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އިތުުރަށް ވިދާޅުވީ އެ ޤައުމުތަކާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާފައިވާ ޤައުމުތަކަކީ ފުޅާ ދާއިރާއެއްގައި ނިރުބަވެރިން ދިރިއުޅޭ ޤައުމުތައް ކަމަށެވެ. އެ ޤައުމުތަކުން ވިސާއާ ގުޅޭ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ނުދޭ ކަމަށާއި އެ ޤައުމުތަކުން އެމެރިކާއަށް ދަތުރު ކުރާ މީހުންގެ ވަނަވަރު އެ ޤައުމުތަކަށް ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މުޖުރިމުންނާ ބެހޭ މަޢުލޫމާތު އެ ޤައުމުތަކުން އެދެވޭ ގޮތަަކަށް ނުބަލަހައްޓާ ކަމަށާއި އެ ޤައުމުތަކުން އެމެރިކާއަށް ޒިޔާރަތް ކުރާ މީހުން ވިސާގެ މުއްދަތަށް ވުރެ އިތުރަށް އެމެރިކާގައި މަޑުކުރާ ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން އެ ފަދަ ޤައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ހުރަހެއް ނެތި އެތެރެވުމަށް ފުރުޞަތު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޖޫން މަހުގެ 1ވަނަ ދުވަހު އެމެރިކާގެ ކޮލޮރާޑޯގައި ހިނގި ހާދިޘާއަކަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެ ހާދިޘާގައި މިޞްރުގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ޞޮބްރީ ސުލައިމާން ވަނީ އިސްރާއީލަށް ތާއީދު ކުރާ ބަޔަކާ ދިމާލަށް ޕެޓްރޯލު އަޅާފައިވާ ބޮމެއް އެއްލައިފައެވެ. ޞޮބްރީ އެމެރިކާގައި ހުރީ ދުވަސްހަމަވެފައިވާ ޓުއަރިސްޓު ވިސާއެއްގައެވެ. އަދި އޭނާގެ ވޯކު ޕާމިޓު ވެސް އޮތީ މުއްދަތު ހަމަވެފައެވެ. ޓްރަމްޕް ވިދާޅުވީ އެ ހާދިޘާއިން ވެސް އައު ފިޔަވަޅުތައް އަޅަންޖެހޭ ސަބަބު ދޭހަ ކޮށްދޭ ކަމަށެވެ.
ޓްރަމްޕް ކުރެއްވި އިޢުލާނަށް އަމަލު ކުރަން ފަށާނީ ހިނގަމުންދާ ޖޫން މަހުގެ 9ވަނަ ދުވަހުން ފެށިގެންނެވެ. އެ ތާރީޚުގެ ކުރިން ދޫކޮށްފައިވާ ވިސާއަކަށް އެ ނިންމުމުގެ އަސަރެއް ނުކުރާނެއެވެ.
ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ވެސް މި ފަދަ ފިޔަވަޅެއް އަޅުއްވާފައިވެއެވެ. އެ ގޮތުން ބޮޑު މުސްލިމް އާބާދީއެއް އޮންނަ ހަތް ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން އެ ފަހަރު ވަނީ މަނާ ކޮށްފައެވެ. އެ ނިންމުމަށް ބޮޑެތި ފާޑުކިޔުން އަމާޒުވެ، އެ ނިންމުމަށް ކޯޓުތަކުގައި ގޮން ޖަހާފައިވެއެވެ. އެ ނިންމުަމަކީ ޤައުމުތަކުގެ މެދުގައި ތަފާތު ކުރާ ނިންމުމެއް ކަމަށާއި ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދޭ ހައްޤުތަކަށް ފުށުއަރާ ނިންމުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެއާއެކު އެ ނިންމުމައް އެތައް ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވެއެވެ. އެމެރިކާގެ ސުޕްރީމް ކޯޓު މެދުވެރިކޮށް އެ ސިޔާސަތު ދަމަހައްޓާފައި ވަނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ޓްރަމްޕަށް ފަހު އެމެރިކާގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ޖޯ ބައިޑަން ވަނީ ޓްރަމްޕްގެ ނިންމެވުން އީރާނާއި ލީބިޔާއާއި ސޮމާލިޔާއާއި ސޫރިޔާއާއި ޔަމަނުގެ ރައްޔިތުން އިސްތިސްނާވާނެ ގޮތަށް 2021ވަނަ އަހަރު އެ ނިންމުމަށް ބަދަލު ގެންނަވާފައެވެ.
ޓްރަމްޕްގެ އައު ނިންމެވުން އިޢުލާނު ކުރެއްވުމާއެކު ސޮމާލިޔާއިން ވަނީ ސަލާމަތީ ކަންބޮޑުވުންތަކަށް ފަރުވާލެއް ހޯދުމަށް އެމެރިކާއާއެކު މަސައްކަތް ކުރާނެ ކަމަށް އިޢުލާނު ކޮށްފައެވެ. ސޮމާލިޔާއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް އެ ޤައުމުން މުހިންމުކަން ދޭ ކަމަށާއި މަޝްވަރާ ކުރުމަށް ތަަައްޔާރަށް ތިބި ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
އެެމެރިކާގެ ނިންމުމާ ގުޅޭގޮތުން ވެނެޒުއެލާގެ ދާޚިލީ ވަޒީރު ޑިއޮސްޑާޑޯ ކަބެއްލޯ ވަނީ އެމެރިކާގެ ސަރުކާރަށް ފާޑުކިޔައި، އެމެރިކާގައި ތިބުމަކީ އެންމެނަށް ވެސް އޮތް ބޮޑު ހިރާހެއް ކަމަށް ވިދާޅުވެފައެވެ. ވެނެޒުއެލާގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅަނީ އެއްވެސް ސަބަބެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ ސަރުކާރުން އެމެރިކާގެ ނިންމުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަފްޣާނިސްތާނުގެ އެތައް ހާސް ރައްޔިތުންނެއް، އެމެރިކާގައި ވަޒަންވެރިވުމުގެ މަރުޚާލާތައް ފުރިހަމަވަންދެން ޕާކިސްތާނުގައި މަޑުކޮށްގެން އެބަތިއްބެވެ. އެމެރިކާއަށް ދިއުމުގެ އުންމީދުގައި ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ ރައްޔިތުންނާމެދު އަމަލު ކުރާނެ ގޮތަކާމެދު ޕާކިސްތާނުގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޓްރަމްޕްގެ ރިޔާސީ ކެމްޕެެއިނުގައި އެެމެރިކާގެ ބޯޑަރު ސިޔާސަތުތަކަށް ވަރަށް ބޮޑަށް އިސްކަންދީފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ޣައްޒާއާއި ލީބިޔާއާއި ސޮމާލިޔާއާއި ސޫރިޔާއާއި ޔަމަނުގެ ރައްޔިތުންގެ އިތުރުން އެމެރިކާގެ ސަލާމަތަށް ނުރައްކާ ވާ އެހެން ޤައުމުތަކުގެ މީހުން އެމެރިކާއަށް ވަނުމުގެ ޙުއްދަ ދިނުން ހަނި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.