މަރުވެފައިވާ ދެ އަސީރުންގެ ހަށިގަނޑު ފަލަސްޠީނުގެ ޣައްޒާއިން ހޯދައިފިއެވެ. އެއީ، 70 އަހަރާއި 72 އަހަރުގެ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކީ ކެނެޑާގެ ރައްޔިތު ކަން އޮތް މީހެކެވެ. އަދި، ދެވަނަ މީހަކީ އެމެރިކާގެ ރައްޔިތު ކަން އޮތް މީހެކެވެ. ޔަހޫދީ ފައުޖުން ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުންގެ ހަށިގަނޑު ހޯދާފައި ވަނީ ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސުންނެވެ.
އެ ދެ އަސީރުންނަކީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ޒަޔަނިސްޓުންގެ ރަށްތަކަށް ދިން ޖިހާދީ ޙަމަލާތަކުގައި ޒަޚަމުވެފައިވާ ދެ މީހެއްގެ ހަށިގަނޑެވެ. އެ މީހުން މަރުވެފައި ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައި ޣައްޒާއަށް ގެންދިޔަ ފަހުން ކަމުގައި ރިޕޯޓުތައް ބުނެއެެވެ. އެ މީހުން މަރުވާން މެދުވެރިވި ސަބަބު ޙަމާސުން ސާފު ކޮށްދީފައެއް ނެތެވެ.
ޙަމާސްގެ ޖިހާދީ ޙަމަލާގައި ޔަހޫދީންގެ ގިނަ އަދަދެއްގެ ބަޔަކު މަރައިލާފައިވާއިރު، އެ ޖަމާޢަތުން ވަނީ 250އެއްހާ މީހުން ރަހީނު ކޮށްގެން ޣައްޒާއަށް ގެންގޮސްފައެވެ. އެއީ، ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކަށް ހުށަހަޅާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ބަދަލުގައި ރަހީނު ކޮށްފައިވާ ބައިގަނޑެކެވެ. ނަމަވެސް، ޙަމާސުން ވަނީ އޭގެ ތެރެއިން ގިނަ އަދަދެއްގެ އަސީރުން މިނިވަން ކޮށްފައެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން މިހާތަނަށް 199 މީހުން މިނިވަން ކޮށްފައިވާއިރު، އޭގެ ތެރެއިން 148 މީހުން މިނިވަން ކޮށްފައި ވަނީ ދިރިތިއްބައެވެ. އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި އަދިވެސް 56 އަސީރުން ތިބި ކަމަށް ބެލެވޭއިރު، މި ވަގުތު އޭގެ ތެރެއިން ދިރިތިބީ 20 ވަރަކަށް މީހުން ކަމަށް ޤަބޫލު ކުރެވެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ އަސީރުންތަކެއް މަރުވެފައި ވަނީ ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ.
އަަސީރުން މިނިވަން ކުރުވުމުގެ ބަދަލުގައި ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްކޮށްފައި ވަނީ ޣައްޒާގެ ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމެވެ. އަދި، އެ މީހުން ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަތުމެވެ. ނަމަވެސް، ޔަހޫދީ ޢާންމުންނާއި، އަސީރުންގެ ޢާއިލާތަކުން ދަނީ ޙަމާސާ އެކު އައު އެއްބަސްވުމެއް އެކުލަވައިލައި، ހުރިހާ އަސީރުން ދިރިތިއްބައި ސަލާމަތް ކުރުމަށް އަނިޔާވެރި ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.