ނިމުނު ހަފުތާއަކީ ސިޔާސީ، އިޤުތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ކަންތައްތައް ހިނގާދިޔަ ހަފްތާއެކެވެ.
މިނިމުނު ހަފްތާ ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ނިންމުންތަކަކާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ޕީއެސްއެމް ނިއުސްއަށް ދެއްވެވި ޚާއްސަ ބަސްދީގަތުމެއްގައި ސަރުކާރުގެ ބައެއް ނިންމެވުންތައްވަނީ ހާމަކުރައްވާފައެވެ.
މީގެތެރެއިން އެއްކަމަކީ، އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް، "ފަސްޓް ހޯމް" ނުވަތަ އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މިއަހަރު ނިމުމުގެ ކުރިން ދޭނެކަމަށް އިއުލާން ކުރެއްވުމެވެ. ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ. އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު ޚިޔާރުކުރާ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކަރަންޓް ޓެރިފް ރޭޓް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަންވަނީ ފަށާފައެވެ. ކަރަންޓު ޓެރިފަށް ގެންނަން ނިންމެވި ބަދަލުގެ ތަފްސީލު ރައީސްވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން ހިއްސާކުރައްވާފައެވެ. ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު މީއީ ރައްޔިތުން އަތްފޯރާފަށަށް ކަރަންޓު އަގު ތިރިކުރުމަށް ގެނައި ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގޭބީސީތަކުގެ ކަރަންޓު ޓެރިފަށް ގެނައި ބަދަލުތަކަށް ބަލާއިރު، 400 ޔުނިޓަށް ވުރެ މަތީ ބޭންޑުތަކުން %10 ވަނީ ކުޑަކޮށްފައެވެ. 100 އާއި 400 ދެމެދު ބޭންޑުތައް 1.50 ލާރިއަށް ވަނީ ބަދަލުކޮށް 100 ޔުނިޓަށް ވުރެ ދަށް ބޭންޑުން 25 ލާރި ވަނީ އުނިކޮށްފައެވެ.
މީގެ އިތުރުން އައިނު ހައްދަން، އާސަންދައިން 2000 ރުފިޔާ ދޭން ނިންމާފައިވާއިރު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ނިންމަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގަންނަވައެވެ. ޙައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހި ޙައްޖާޖީންނާ ބައްދަލުކުރައްވާ ޙައްޖުވެރިން އެދުނު ކަންކަން ވަގުތުން ހަމަޖައްސަވާދެއްވާފައެވެ. އެގޮތުން ޙައްޖަށް ދިއުމުގެ ކުރިން ޙައްޖާޖީން ފުރިހަމަކުރަން ޖެހޭ ވެކްސިންތަކާއި، ޞިއްޙީ ޓެސްޓުތައް ހިލޭ ހެދޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ވިދާޅުވެ، ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހިލޭ ލިބޭނެގޮތް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވިއެވެ. ޙައްޖުގެ އަޅުކަން ނިމުމަކަށް ދާއިރު، ހުރިހާ ރާއްޖެއިން ޙައްޖަށްދިޔަ ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ނިމުނު ހަފްތާގައި ސިޔާސީ ދާއިރާއިން ހިނގާފައިވާ ކަންކަމަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށުން ފާހަގަކޮށްލެވެއެވެ. މިދައުރުގެ ޖަލްސާތައް ފަށާފައިވާއިރު ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ކޮމިޓީންވަނީ ރުހުންދީފައެވެ.
މީގެއިތުރުން ރާއްޖޭގައި އޮސްޓްރޭލިއާގެ އެމްބަސީއެއްވެސް ނިމުނު ހަފްތާތެރޭގައި ވަނީ ހުޅުވާފައެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ދިފާޢީ ވަޒީރު ރިޗާޑް މާލްސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ މި ދަތުރުފުޅުގެ ތެރެއިންވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާ ކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
މީގެ އިތުރުން ފްލެޓް ލިސްޓު މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ވެރިންތަކަކަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީވެސް ނިމުނު ހަފުތާގެތެރޭގައެވެ.
ނިމުނު ހަފްތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް އުފެއްދެވުމަށް ނިންމަވާފައެވެ. އެމަނިކުފާނު އުފެއްދެވުމަށް ނިންމަވާފައިވާ ފުރަތަމަ ކުންފުންޏަކީ، "އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" އެވެ. މިކުންފުނި އުފެއްދެވުމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.
އެމަނިކުފާނު ދެން އުފައްދަވާފައިވަނީ، "ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ކުންފުންޏެވެ. މި ކުންފުނި އުފެއްދުމުގެ މަޤުސަދަކީ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގގެ ޚިދުމަތްތައް ހިމެނޭ މާލީ ޚިދުމަތްތަކުގެ ސިނާއަތު ކުރިއަރުވައި، ބައިނަލްއަޤުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.
އިޤްތިޞާދީ ދާއިރާން ފާހަގަކޮށްލެވޭ އިތުރު ހަބަރަކަށް ބަލާއިރު، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ފާހަގަކޮށްލެވެއެވެ. މިމަޢުރަޒު ނިމުނުއިރު 200،000 އަށްވުރެ ގިނަ މީހުންވަނީ މަޢުރަޒަށް ޒިޔާރަތްކޮށްފައެވެ. މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މައުރަޒު ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ނިމުނު ހަފްތާގައި ފާހަގަކޮށްލެވުނު އެހެން ޚަބަރުތަކަށް ބަލާއިރު، އައު ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ބޭއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. އެގޮތުން ޖުމްލަ 3557 ގޯއްޗަށް ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވާއިރު، މީގެ ތެރޭގައި 7 ސައިޒެއް ބިން ހިމެނެއެވެ.
ވިލިމާލޭގައި 112 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް، ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކުރީވެސް ނިމުނު ހަފްތާގެތެރޭގައެވެ. މިމަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން ކަރަންޓު ގްރިޑަށް ދިމާވި މައްސަލައެއްގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑިގެން ދިޔައީވެސް މިދިޔަ ހަފްތާގައެވެ. މިމައްސަލަ ހައްލުކޮށް ސްޓެލްކޯއިން ކަރަންޓު އަނބުރާ ހަވީރު ވަގުތެއްގައި ދީފައިވާއިރު، މިފަދަ މައްސަލަތައް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.