މިދައުރުގައި އެންމެ ބޮޑަށް ބޭނުންވަނީ ރީޖަނަލް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ކަމަށާއި ކޮމަންވެލްތް ބީޗް ގޭމްސްއަކީ ފެށުމެއް ކަމަށް އެމްއޯސީގެ ނައިބު ރައީސް އަހުމަދު އިސްމާއިލް ބުނެފިއެވެ.
އައު ދައުރަކަށް އެމްއޯސީގެ ނައިބު ރައީސްކަމާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަހުމަދު ބުނީ މި ދައުރުގައި އެމްއޯސީން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުން ހިމެނޭ ކަމަށެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރުގައި ކުޅުދުއްފުށީގައި ބާއްވާ ބީޗް ހޭންޑް ބޯޅަ މުބާރާތް ބޭއްވޭކަން އޭނާ ފަހަގަކުރިއެވެ.
ކުޅުދުއްފުށީގައި ބާއްވަން ތައްޔާރުވާ މުބާރާތަކީ ކޮމަންވެލްތްގެ ގައުމުތަކަށް ދައުވަތުދީގެން ހޭންޑްބޯލް މޯލްޑިވްސް އިން ކުޅިވަރު ވުޒާރާއާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހޭންޑް ބޯޅަ މުބާރާތެކެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތް ކަމަށްވާ "ކޮމަންވެލްތު ބީޗް ހޭންޑްބޯލް ގޭމްސް" ބާއްވަން ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18-22 އަށް ކުޅުދުއްފުށީ ސިޓީގައި ގާއިމުކޮށްފައިވާ ބީޗް ހޭންޑް ބޯޅަ ކޯޓުތަކުގައެވެ. މިއީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުންގެ ވަރަށް ބޮޑު އެއްބާރުލުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ތައްޔާރުވާ މުބާރާތެކެވެ.
އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން މަޝްވަރާކުރުމަށްފަހު މި މުބާރާތް ކުޅުދުއްފުށީގައި ބާއްވަން ނިންމަމާފައިވާއިރު ކުރިން މި މުބާރާތް ބާއްވަން އުޅުނީ މިދިޔަ އަހަރު ޕާކިސްތާނުގައެވެ. އެހެންނަމަވެސް އޭރުގެ ޕްލޭނާ އެއްގޮތަށް މުބާރާތް ބޭއްވޭ ގޮތެއް ނުވިއެވެ.
ރާއްޖޭގައި މި މުބާރާތް ބޭއްވޭތޯ ބެލުމަށް ހެދި ފީސިލިބިޓީ ސްޓަޑީއަށް ބިނާކޮށް ރާއްޖޭގައި މި މުބާރާތް ބޭއްވިދާނެކަމުގެ ފެހި ސިގްނަލް މިއަހަރުގެ ކުރީކޮޅު ކޮމަންވެލުތުން ވަނީ ރާއްޖެއަށް ދީފައެވެ.
މިއަހަރު ބީޗް ވޮލީ އާއި ބާސްކެޓްގެ ބައިނަލްއަގްވާމީ މުބާރާތްތަކެއްވެސް ރާއްޖޭގައި ބާއްވާނެއެވެ. އެގޮތުން ކާވާ ބީޗް ވޮލީގެ ދެ މުބާރާތެއް އައްޑޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޯސީގެ ނައިބު ރައީސް އަހުމަދު ވިދާޅުވީ ރީޖަނަލް ގޭމްސް އެއް ހޯސްޓްކުރުމުގެ އިތުރަށް ދެން މިއަހަރުގެ ދައުރުގައި އެންމެ ބޮޑަށް ބަލާނީ ރާއްޖޭގެ އެތުލީޓުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.