މެނިންގޯކޮކަލް އަކީ ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ނޭވާލާ ނިޒާމަށް ޖެހޭ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. މިބެކްޓީރިއާގެ ސަބަބުން ސިކުނޑިއާއި މައިބަދައިގެ ވަށައިގެންވާ ޓިޝޫތައް ހަލާކުކޮށްލާ އިންފެކްޝަނެއްކަމަށްވާ މެނިންގޖައިޓިސް ހަށިގަނޑުގައި އަށަގަންނުވައެވެ. އޭގެ ސަބަބުން ލޭގެ އިންފެކްޝަން ޖެހުމަށްވެސް މަގުފަހިވެއެވެ. އެހެންކަމުން މިއީ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް އެހެންނަމަވެސް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ.
މި ބައްޔަކީ ރާއްޖޭގައި އުޅޭ ބައްޔެއް ނޫނެވެ. މިއީ ބޭރު ޤައުމަކުން އަންނަ މީހެއްގެ ކިބައިން އިމްޕޯޓްވާ ބައްޔެކެވެ. މި ބަލީގެ ނުރައްކާ ކުޑަކުދިންގެ އިތުރަށް ދިފާޢީ ނިޒާމު ދެރަ ކޮންމެ މީހަކަށްވެސް އެބައޮތެވެ. މިބެކްޓީރިއާގެ ސަބަބުން މީހާ އަވަހަށް ބަލިކޮށްލާ ވަރު ދެރަކޮށްލައެވެ. ބަލީގެ ރިސްކް ކެޓަގަރީގައި ހިމެނެނީ ދިފާޢީ ނިޒާމު ދެރަ މީހުންނެވެ. އެގޮތުން ތުއްތު ކުދިންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތަކާއި، އެކި ބަލީގެ ސަބަބުން ހަށިގަނޑު ދިފާޢީ ނިޒާމުގެ ތެރޭގައި ހިމެނޭ ލޭސާފުކޮށް ދިނުމުގެ މައި ގުނަވަންކަމުގައިވާ "ސްޕްލީން" ބައްޔެއްގެ ސަބަބުން ނަގާފައިވާ ފަރާތެއްނަމަ މިބަލިން ދުރާލާ ރައްކާތެރިވާންޖެހެއެވެ.
މި މިވޭތުވެދިޔަ 20 އަހަރު ތެރޭގައި ރާއްޖެއިން ބަލި ފެނިފައި ނެތްނަމަވެސް މިދިޔަ އަހަރު މި ބަލިޖެހިގެން އެކަކު ރާއްޖެއިން ވަނީ ނިޔާވެފައެވެ. އެހެންކަމުން މިއީ ރާއްޖެއިން ވަރަށް މަދުން ފެންނަ ބައްޔެކެވެ.
މިބަލި ޖެހެނީ ގައިން ގަޔަށް އަރާ އެހެނިހެން ބަލިތައްވެސް ޖެހޭ ފަދައިން ހަށިގަނޑުން ނިކުންނަ ދަވައަކުންނެވެ. ޚާއްސަކޮށް ކުޅުގެ ޒަރިއްޔާއިންނެވެ. އެގޮތުން ކެއްސާ ކިނބިހި އަޅާއިރު ބުރައިގެންދާ ތިކިތަކުން ބަލި ޖެހުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން މާސްކު އެޅުމަށާއި ޢާއްމު ސާފުތާހިރުކަމަށް ސަމާލުވާންޖެހެއެވެ.
މިބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ޢާއްމުކޮށްފެންނަނީ އާދައިގެ ހުމާއި ރޯގާއިންވެސް ފެންނަ ޢަލާމާތްތަކެވެ. އެގޮތުން ހުން އައުމާއި، ކެއްސާ ކިނބިހި އެޅުން ފަދަ ކަންކަން ހިމެނެއެވެ. އެހެންނަމަވެސް މިބަލީގައި، ހުން ގަދަވުމުގެ ސަބަބުން މީހާގެ ގައިގެ ވަރު އެއްކޮށް ދެރަވާހާ ގަދަ ހުމެއް މިބަލީގައި އާދެއެވެ. އަދި ކަރާއި ކަނދުރާގައި ރިއްސާ ބާރެއް އަރާފައި ހުރުމާއި ގަދައަށް ބޮލުގައި ރިއްސުން ހިމެނެއެވެ. މިބަލީގެ ޢަލާމާތްތަކުގެ ތެރެއިން ހަށިިގަނޑުން ކުދި ބިހިތަކެއް ނަގައެވެ.
ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ ޢާއްމު ސާފުތާހިރުކަމެވެ. އަދި ބަލިވެ އުޅޭ މީހުންނަށް މިދުވަސްވަރު ޒިޔާރަތް ނުކުރުމާއި، ހުމާއި ރޯގާގެ ޢަލާމާތެއް ހުރެއްޖެނަމަ މީހުންގެ ތެރެއަށް ނިކުމެ ނޫޅުމެވެ. އަދި މިބަލިން ރައްކާތެރިވުމަށްދެވޭ މެނިންޖައިޓިސް ވެކްސިން ޖެހުން މުހިއްމެވެ.
މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އަމިއްލައަށް ގޭގައި ފަރުވާކުރުމުގެ ބަދަލުގައި ވީހާވެސް އަވަހަށް ޑޮކްޓަރީ ފަރުވާ ހޯދުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. މި ބަލީގައި ދެވޭ ފަރުވާއަކީ އެޑްމިޓްކޮށްގެން ދެވޭ ފަރުވާއެވެ. އާއްމުކޮށް މި ބަލީގެ ފަރުވާ ދޭން ހަފްތާއަކާ 10 ދުވަހާ ދެމެދުގެ މުއްދަތެއް ނަގައެވެ. ބަލި ފަސޭހަވުމަށްފަހުވެސް އެކިކަހަލަ ޞިއްޙީ މައްސަލަތައް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ.
* އަޑުއިވުމާ ފެނުމުގެ ޙިއްސަށް އަސަރުކުރުން
* ހަނދާން ނެތުން ނުވަތަ ސަމާލްކަން ދިނުމަށް އުނދަގޫވުން
* ހެލިފެލިވެ އުޅުމުގައި ހަށިގަނޑު ބެލެންސްކުރަން އުނދަގޫވުން
* ފިޓުޖެހުން
މިބަލި ޖެހޭ ކޮންމެ 10 މީހަކުން އެކަކުގެ ފުރާނަ ގެއްލިފައިވާކަން ބައިނަލްއަޤްވާމީ ޞިއްޙީ އިދާރާތާކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.