ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ގެންގޮސްފައިވާ ޔަހޫދީ އަސީރުންގެ ތެރޭގައި ހިމެނޭ ތައިލެންޑަށް ނިޞްބަތްވާ މީހެއްގެ ހަށިގަނޑު ޔަހޫދީ ފައުޖުން ހޯދައިފިއެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއެއްގައި ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަމާސުން ވަނީ ގިނަ ޢަދަދެއްގެ އަސީރުން މީގެ ކުރިން މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 55 އަސީރުން ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ހުރި ތައިލަންޑުގެ ރައްޔިތެއް ކަމަށްވާ ނައްތަޕޮންގު ޕިންޓާގެ ހަށިގަނޑު ހިފަހައްޓާފައި ހުރީ ޣައްޒާގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ މުޖާހިދީން ބުރިގޭޑުން ކަމަށް ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް ވަނީ ބުނެފައެވެ. އޭނާގެ ހަށިގަނޑު ހޯދާފައި ވަނީ ދެކުނު ޣައްޒާގައި އޮންނަ ރަފަޙް ސަރަޙައްދުން ކަމަށް ފާހަގަކޮށް، ކެޓްޒް ބުނީ ޕިންޓާގެ ހަށިގަނޑު ފެނިފައިވާ ކަން ތައިލެންޑުގައި ތިބި އޭނާގެ ޢާއިލާއަށް މިހާރު އަންގާފައިވާ ކަމަށެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން މިހާތަނަށް 199 މީހުން މިނިވަން ކޮށްފައިވާއިރު، އޭގެ ތެރެއިން 148 މީހުން މިނިވަން ކޮށްފައި ވަނީ ދިރިތިއްބައެވެ. އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި އަދިވެސް 55 އަސީރުން ތިބި ކަމަށް ބެލެވޭއިރު، މި ވަގުތު އޭގެ ތެރެއިން ދިރިތިބީ 20 ވަރަކަށް މީހުން ކަމަށް ޤަބޫލު ކުރެވެއެވެ. ޙަމާސުން ބުނީ، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ގިނަ އަދަދެއްގެ އަސީރުންތަކެއް މަރުވެފައި ވަނީ ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ކަމުގައެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. މިހާރު ދެމުންދާ ޙަމަލާތައް ވަކިން ވަރުގަދަ ކަމަށް ޣައްޒާގެ ރައްޔިތުން ދަނީ ބުނަމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ 15 ރައްޔިތުން ޝަހީދު ކޮށްލައި އިތުރު 50 މީހުންނަށް ޒަޚަމު ކޮށްލައިގައެވެ. އެއީ ޣައްޒާގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީގެ ޞަބްރާއަށް ދިން ވައިގެ ޙަމަލާތަކެއްގައެވެ. ޔަހޫދީން ވަނީ ޖަބާލިޔާއަށް ވެސް ރޮކެޓު ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އެ ސަހަރުގެ ހަސްފަތާލުތަކުގައި މިހާރު ހުރީ އެންމެ ތިން ދުވަހަށް ފުދޭ ވަރުގެ ތެޔޮ ކަމަށެވެ. އެހީގެ ސާމާނު ފޯރު ކޮށްދޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ހަސްފަތާލުތަކަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް ވަަނުމުގެ ޙުއްދަ ނުލިބޭ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން 11 ހަފްތާ ވަންދެން ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ވަނީ ބަނޑަށް ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައި ކަމަށް އދން މީގެ ކުރިން ވަނީ ފާހަގަ ކޮށްފައެވެ. ހަށިގަނޑަށް ބޭނުންވާ ބައިތައް ނުލިބުމުގެ ސަބަބުން ކުރިމަތިވާ އެކިއުޓް މެލްނިއުޓްރިޝަންގެ ޙާލަތު ކުރިމަތިވެފައިވާ ކުޑަކުދިންގެ ޢަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ.
11 ހަފްތާއަށް ފަހު ޣައްޒާއަށް މަދު ޢަދަދެެެއްގެ އެހީގެ ސާމާނު ވެއްުދުމަށް ޔަހޫދީން ވަނީ މިދިޔަ މަހުގެ ތެރޭގައި ޙުއްދަ ދީފައެވެ. ޔަހޫދީން އެހީގެ ސާމާނު ބެހުމަށް މިހާރު ހުއްދަ ދީފައި ވަނީ އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފް މެދުވެރި ކޮށެވެ. އދއާއި ބައިލނަލްއަޤްވާމީ އެހީދޭ ގިނަ ޖަމާޢަތްތަކަކުން ވަނީ ޖީއެޗްއެފް މެދުވެރިކޮށް ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް ދެކޮޅު ހަދައިފައެވެ. އެ ޖަމްޢިއްޔާތަކުން ޤަބޫލު ކުރާ ގޮތުގައި އެ މަސައްކަތް ޖީއެޗްއެފް މެދުވެރިކޮށް ކޮށްފި ނަމަ ވަކި ފަރާތަކަށް ނުޖެހޭ ބަޔަކު އެ ފަދަ މަސައްކަތް ކުރުމަށް އޮންނަ އުޞޫލާ ފުށުއަރާނެއެވެ.
މެއި މަހުގެ 26ވަނަ ދުވަހު ޖީއެޗްއެފުމް ޣައްޒާގައި ޙަރަކާތްތެރިވާން ފެށި ނަމަވެސް، ޖޫން މަހުގެ 6ވަނަ ދުވަހު އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ވަނީ މެދުކަނޑާލައިފައެވެ. އެ ޖަމާޢަތުން ބުނީ މާ މީހުން ގިނަވުމުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދިޔުމަށް ރައްކާތެރި ނޫން ކަމަށެވެ. އެ މަސައްކަތް ހޮނިހިރު ދުވަހު އަލުން ފެށި ކަމެއް ސާފުވެފައެއް ނުވެއެވެ.
މިދިޔަ ހޯމަ ދުވަހު ވެސް ޖީއެޗްއެފުން ވަނީ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް މެދުކަނޑާލައިފައެވެ. އެއީ ޖޫން މަހުގެ 1ވަނަ ދުވަހާއި 3ވަނަ ދުވަހާ ދެމެދު ޖީއެޗްއެފުން އެހީގެ ސާމާނު ބަހާ މަރުކަޒުތައް ކައިރިއަށް ދިޔަ ޣައްޒާގެ 80އަށްވުރެ ގިން ރައްޔިތުންނަށް ޙަމަލާދީ ޝަހީދު ކޮށްލައި، އެތައް ސަތޭކަ ބަޔަކަށް ޒަޚަމު ކޮށްފައިވާ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ބުނުމުންނެވެ. ޖީއެޗްއެފުން ވަނީ އެހީގެ ސާމާނު ބަހާ މަރުކަޒުތުގެ ސަލާމަތީ ކަންކަން ކުރިއަށްދާ ގޮތް ބަލައިދިނުމަށް ޔަހޫދީ އަސްކަރިއްޔާގައި އެދިފައެެވެ.
ޔަހޫދީން ފަލަސްޠީނަށް ޢުދުވާނީ ޙަމަލާތައް ދީ އެ ސަހަރުގެ ރައްޔިތުން ބަނޑަށް ޖައްސަައި، ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރަމުން ދާތީ ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ނަމަވެސް ޔަހޫދީން އަދިވެސް ދަނީ ޣައްޒާގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޙަމަލާ ދެމުންނެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 54،418އަށް އުފުލިފައިވާއިރު، އިތުރު 124،191 މީހުންނަށް ވަނީ ޒަޚަމު ވެފައެވެ. މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހިމަނައިގެން ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 61،700އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެއެވެ.