ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ހިންގަމުން އަންނަ އިމާރާތާ ޖެހިގެން އޮތް ބިން މިހާރު ޔުނިވަރސިޓީއަށް ލިބިފައިވާކަމަށް ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ވަނީ އެ ޔުނިވަރސިޓީގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ 2015ވަނަ އަހަރު ޔުނިވަރސިޓީއަކަށް ބަދަލުވިނަމަވެސް ވަޞީލަތްތައް ހަމަކުރުމަށް އަދިވެސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކުރިން ފަށާފައިވާ ކަންކަމާއި އަލަށް ފަށާކަންކަން އަވަހަށް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކުރެވުނު މަސައްކަތްތަކުން އެ ޔުނިވަސިޓީއާ ޖެހިގެން ދޮންހުރާ ގޯޅީގައި އޮންނަ ބިން މިހާރު ޔުނިވަރިސިޓީއަށް ލިބިފައިވާކަމަށެވެ. މިހާރު ޕާކެއް ހިންގަމުންދާ އެ ބިމަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ ޔުނިވަސިޓީން ގަނެފައިވާ ބިމެއްކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިރުވެސް އެތަނުގެ ރަޖިސްޓްރީ ލިބިފައިނުވާކަމަށާއި މި ސަރުކާރު އައިފަހުން އެ ބިމުގެ ރަޖިސްޓްރީ ޔުނިވަރސިޓީއަށް ލިބިފައިވާކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.
"އެއީ އަސްލު ހަޤީގަތުގައި ޔުނިވަރސިޓީގެ މިލްކެއް. އެހެންވީމާ ޔުނިވަރސިޓީއަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއް އެބަކުރޭ. ޔުނިވަރސިޓީއަކަށް ވީ ހިސާބުން ފެށިގެން އަދި ޔުނިވަރސިޓީގައި ވެހިކަލްއެއް ނުވެއްނެތް. ވަރަށް އަވަހަށް އެކަންވެސް ސަރުކާރުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ. ވަރަށް އަވަހަށް ޔުނިވަރސިޓީ ތެރޭގައި އެ ޚިދުމަތް ލިބޭނެ ގޮތް ވަނީ ފަހިވެފައި" ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސައީދު ވިދާޅުވިއެވެ.
ޑރ. އަލީ ޒާހިރު ވަނީ އެ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކަރުން އެ ޔުނިވަރސިޓީއަށް 35000 އަކަފޫޓުގެ ބިމެއް ހަމަޖައްސަވާދެއްވާފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ބިމުގެ އިދާރީ މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ "މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ.