ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކުން ލައިބާ އަޙްމަދު މަޚްލޫފް ރާއްޖެއަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވިކަމީ ލައިބާއަށް އަދި އާއިލާއަށް ލިބުނު ވަރަށްބޮޑު އުފަލަކާއި ހިތްވަރެއް ކަމަށް އޭނާ ބައްޕަ އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިހެން ވިދާޅުވީ ސޯޝަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ބައިނަލްއަޤުވާމީ މުބާރާތްތަކާއި ޤައުމީ މުބާރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރައްވާ، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ އަރުތަ ޕްރޮގްރާމުގައި ހިމަނުއްވާދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަދި ކުޅިވަރާއިބެހޭ ވަޒީރު އަބުދުالله ރާފިއުއަށް ޝުކުރު އަދާކުރައްވާކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ اللَّهْ އިރާދަފުޅާއެކު އިތުރު ކާމިޔާބީއަށް ވާސިލުވުމަށް ލައިބާ މަސައްކަތްކުރާނެ ކަމަށެވެ.
ކުރިއަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާވަނީ އަރްމޭނިއާގައި ކުރިޔަށް ދިޔަ، އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ވާދަކޮށް 3 ރަން މެޑަލް ހޯދާފައެވެ. 12 އަހަރުގެ ލައިބާ އަރްމޭނިއަން ޔޫތް އޯޕަން 2025 ގައި ރަން މެޑަލް ހޯދީ ސިންގަލްސް އަދި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ.
މިކަން ފާހަގަ ކުރައްވާ ސޯސަލް މީޑީއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ލައިބާ ހޯދި ކާމިޔާބީ އަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ވިދާޅުވެ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.
މިއީ ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތެއްގެ ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަން މެޑައްޔެއް ލިބުނު ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.
"ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް" ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ހިތްވަރު ދެއްވާފައެވެ.
މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑަލް ހާސިލްކުރި ފުރަތަމަ ފަހަރެވެ. އޭނާ އަންނަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑަލް އަދި 15 ލޯ މެޑަލް ހާސިލްކޮށްފައެވެ.