ޚަބަރު

ލައިބާ ހޯދި ކާމިޔާބީއަކީ މުޅި ގައުމު ފަހުރުވެރިވާ ކަމެއް: ނައިބު ރައީސް


އަރުމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ލައިބާ އަޙްމަދު މަޚްލޫފު ހޯދި ފަޚުރުވެރި ރަން ވަނަތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މުބާރާތެއްގައި މުޅި ޤައުމު ތަމްސީލުކޮށް 3 ރަން މެޑަލް ޙާޞިލްކުރުމަކީ މުޅި ޤައުމު ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މިއީ އެކި ދާއިރާތަކުން، ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގޮސް މިފަދަ ރަން ވަނަތައް ހާސިލް ކުރަން ބޭނުންވާ ކުދިންނަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި ހިތްވަރާއެކު ކުރިއަށް ދިއުމަށް ހިތްވަރުދެއްވާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ލައިބާ ވަނީ "އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހާސިލުކޮށްފައެވެ. އޭނާ ރަން މެޑެލް ހާސިލުކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އަދި ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަންމެޑަލް ހޯދުނު ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ސިންގަލްސްގައި ސައިޕްރަސްގެ އެމީލިއާ އާއި ވާދަކޮށް ލައިބާ ރަންމެޑަލް ހޯދީ 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށްގެންނެވެ.

މިކްސްޑް ޑަބަލްސް އިވެންޓުން ލައިބާ އާއި އަރުމޭނިއާގެ އެރިކްގެ ޕެއާއިން ރަންމެޑަލް ހާސިލުކުރީ ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައިގެންނެވެ.

ޑަބަލްސް އިވެންޓުން ލައިބާ އާއި ސައިޕްރަސްގެ އެމީލިއާގެ ޕެއާއިން ރަން މެޑަލް ހޯދީ ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައިގެންނެވެ