ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް ބްރޭންޑް އެމެބްސެޑަރަކަށް ކެޓްރީނާ ކައިފް


  • ކެޓްރީނާ އެމްބެސެޑަރ ކަމަށް ނަގާފައިވަނީ ހޫނު މޫސުމުގެ ކެމްޕެއިނާ ދިމާކޮށް

  • ކެޓްރީނާ ވަނީ މި ފުރުސަތު ލިބިގެން ދިއުމަކީ ލިބުނު ފަޙުރެއްކަން ފާހަކޮށްފައި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރްސީން ހަމަޖައްސައިފިއެވެ.

ބޮލީވުޑުގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުންނެވެ. އެގޮތުން މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ރީތިކަން ދައްކުވައިދީ، ހިތްގައިމު ކަނޑުގެ މަންޒަރުތައް ޕްރޮމޯޓުކޮށް މަތީ ފަންތީގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެއެވެ.

ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސުމާއި ގުޅިގެން އެމްއެމްޕީއާރްސީން ވިދާޅުވީ، ކެޓްރީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެއް ކަމަށެވެ. ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ތަރީގެ ގޮތުގައި ފާހަގަކުރެވޭ ކެޓްރީނާއަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ބޮލީވުޑުގައި އެންމެ މަޤްބޫލު އަންހެން ތަރިންގެ ތެރެއިން ގުނާލެވޭ މި ދާއިރާއިން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަންނާނެއް ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިއާއެކު އެނާއަކީ ކުޅަދާނަ އަންހެން ވިޔަފާރިވެރިއެއްކަންވެސް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.

ދިވެހި ފަތުރުވެރިކަމުގެ ޕްރޮމޯޝަނަލް މަސައްކަތްތަކުގެ އައު މޫނަށް ވެގެންދިޔަ، ކެޓްރީނާ ބުނީ ދިވެހި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ފަޚުރެއް ކަމަށެވެ. އޭނާ ބުނީ ރާއްޖެ ތަމްސީލުކުރަނީ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތް ކަމަށްވާއިރު، ރާއްޖެ ތަފާތުވާގޮތް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ކިޔައިދީ ރާއްޖެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާޙިމް ޝިއުރީ ވަނީ، ކެޓްރީނާއަކީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ އޭނާ ފޮލޯވަރުންނާއި ރަނގަޅު ގުޅުމެއް އޮންނަ ފަންނާނެކަން ފާހަގަކޮށްފައެވެ. މިއާއެކު ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު 5 އަހަރު ހާސިލްކޮށްފައިވާ ރާއްޖެ ޕްރޮމޯޓު ކުރުމަށް ކެޓްރީނާއަކީ އެންމެ އެކަށޭނެ އެކަކުގެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ސެލެބްރިޓީންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ވަނީ އެކި ފަހަރުމަތިން ޗުއްޓީ ހޭދަކޮށްލުމަށާއި، ފޮޓޯ ޝޫޓްތަކަށް ރާއްޖެއައިސްފައެވެ. ކެޓްރީނާވަނީ ސަލްމާން ޚާނާއެކު ރާއްޖޭގެ ރިސޯޓެއްގައި ލަވައެއްވެސް މީގެ ކުރިން ޝޫޓްކޮށްފައެވެ. އެއީ 2005 ވަނަ އަހަރު ނެރުނު "މޭނޭ ޕިޔާރު ކިއު ކިޔާ"ގެ "ޔޭ ލަޅްކީ" ލަވައެވެ.

ޔޫރަޕުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެ ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކެޓެގަރީތަކުން ހާއްސަ އޮފަރ ތަކެއް ދޭނެއެވެ. މިގޮތުން މި ކެމްޕެއިން އިނގިރޭސިވިލާތާއި، ރަޝިޔާ، ސީއާއެސް އަދި ޑަޗް މާކެޓުގައި ހިންގާނެއެވެ. މީގެއިތުރުން އިޓަލީ، ސްޕެއިން، ޕޯލެންޑް އަދި އިންޑިއާގައި މި ކެމްޕެއިން ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ ބޭނުމަކީ މި ސަރަހައްދުތަކުން ރާއްޖޭގެ އަށްނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، މި ސަރަހައްދުތަކުގެ ދަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ހެދުމެވެ.