ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާގެ ފައިސާ އިނާމާއެކު ނޮޅިވަރަމް ކައުންސިލް ކަޕް ޖުލައިމަހު 14ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
ވާދަވެރި މާހައުލެއްގައި ޒުވާނުންނަށް ފުޓުބޯޅަ ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މިމުބާރާތަކީ ރަށުގެ ޓީމުތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި، ފަނޑުވަމުންދާ ފުޓުބޯޅައަށް ދިރުމެއް ގެނެސްދީ އަލުން ފުޓުބޯޅައިގެ ފޯރި ރަށަށް ގެނެސްދިނުން ހިމެނެއެވެ.
ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް މުހަންމަދު ހުސައިން ވިދާޅުވީ ނޮޅިވަރަމަކީ ފުޓުބޯޅައިގެ ރަށެއްކަމަށާ، މިމުބާރާތާއެކު ފުޓުބޯޅައިގެ ފޯރި ރަށުގައި އިތުރަށް ގަދަވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. މިއީ ރަށުގެ ޒުވާނުންނަށް ޚާއްސަ މުބާރާތެއްކަމަށްވިޔަސް ރަށުން ބޭރުގެ ތިން ކުޅުންތެރިން ކޮންމެ ޓީމެއްގައިވެސް ހިމެނިދާނެކަމަށް މުހަންމަދު ފާހަގަކުރެއްވިއެވެ.
"ނޮޅިވަރަމަކީ އަބަދުވެސް ފުޓުބޯޅައިގެ ރަށެއް. ވަރަށް ފޯރި ގަދަވާނެ މުބާރާތާއެކު، ފޯރި ގަދަވީމަތާ ރަށުން އެކަނިވެސް ހަތް ޓީމު މުބާރާތުގަ ވާދަކުރުމަށް ތައްޔާރުވަމުން އަންނަނީ. ޕްރެކްޓިސްކުރުމަށް ދަނޑުވެސް ނުލިބިފަ މިހާރު އޮންނަނީ. އެހާވެސް ފޯރި ގަދަ" ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ޖުލައިމަހުގެ ސާދައިން ފަންސްވީހަށް ކުރިއަށްދާ ނޮޅިވަރަމު ކައުންސިލުކަޕުގެ މެޗުތައް ކުރިއަށްދާނީ އެރަށު ޓާރފް ދަނޑުގައެވެ.
މިއީ ނޮޅިވަރަމު ކައުންސިލުގެ މިދައުރުގެ 3 ވަނަ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތެވެ. މިދިޔަ އަހަރުވެސް ފޯރިއާއެކު މިމުބާރާތް ކުރިއަށް ގޮސްފަވާއިރު އެއަހަރުގެ ފައިނަލުގައި ވާދަކޮށްފައި ވަނީ ކަންމަތި ސްޕޯޓްސް އާއި ޑާރކް ސިޓީ ސްޕޯޓްސްއެވެ. ވާދަވެރި ކުޅުމަކަށްފަހު ނޮޅިވަރަމް ކައުންސިލް ކަޕް 2024ގެ ތަށި ހިއްލާލާފައި ވަނީ ކަންމަތި ސްޕޯޓްސްއިންނެވެ.