މޮޅު ފޯވަޑަކު ހޯދުމަށް އިނގިރޭސިވިލާތުގެ އާސެނަލް ކުރަމުންދާ މަސައްކަތަށް ސައޫދީ ކުލަބުތަކުން އުނދަގޫ ކުރަން ފަށައިފި އެވެ.
އާސެނަލްއިން ގަންނަން ބޭނުންވާ ފޯވަޑުންގެ ލިސްޓުގެ އެއްވަނާގައިވަނީ ސްލޮވީނިއާގެ ފޯވަޑް ބެންޖަމިން ސެސްކޯ އެވެ.
އުމުރުން 21 އަހަރުގެ ފޯވަޑް ވަނީ ހުސްވި ސީޒަނުގައި ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ގޮތުން އޭނާ ވަނީ 45 މެޗުން 21 ގޯލު އާރުބީ ލައިޕްޒިގަށް ޖަހައިދީފަ އެވެ. އެ ކުލަބުން އޭނާ ވިއްކާލަން ބޭނުންނުވި ނަމަވެސް އާސެނަލް ފަދަ ޔޫރަޕުގެ ބޮޑު ކުލަބަކުން ހުށަހަޅައިފިނަމަ އޮތީ ދުދޭ ގޮތަށެވެ. އެކަމަކު އެއީ 80 މިލިއަން ޔޫރޯ އަށްވުރެ ކުޑަ ނޫން އަގެއް ހުށަހަޅާނަމަ އެވެ.
ނަމަވެސް މި ކަމަށް އާސެނަލް އަށް ދަތިތަކެއް ކުރިމަތި ކުރަނީ ސައޫދީ އަރަބިއާގެ ކުލަބުތަކުންނެވެ. ހާއްސަކޮށް އަލް ހިލާލްއިންނެވެ. އެ ކުލަބުން ވަނީ އެއް ފަހަރާ 80 މިލިއަން ޔޫރޯ ލައިޕްޒިގަށް ދޭން ބުނެފަ އެވެ. އަދި ސެސްކޯ އަށް އާސެނަލް އަށް ނުދެވޭ ވަރުގެ ބޮޑު މުސާރަ އެއް ދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ކުޅުންތެރިޔާ މީގެ ތެރެއިން ކުޅެން ބޭނުންވަނީ އާސެނަލް އަށެވެ.
އެކަމަކު ސައޫދީގެ އޮފާތައް ރަނގަޅު ކަމުން ލައިޕްޒިގުން ތިބީ ވަކި ގޮތެއް ނުނިންމަ އެވެ.
ހުސްވި ތިން ސީޒަނުގައި ވެސް އިނގިރޭސި ޕްރެމިއާ ލީގުގެ ތައްޓަށް އެންމެ ބޮޑަށް ވާދަކުރި ޓީމަކީ އާސެނަލް އެވެ. ނަމަވެސް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލުން ތަށިތައް ހޯދިއިރު އާސެނަލް އަށް ތައްޓާ ހިސާބަށް ނުދެވުނު މައިގަނޑު ސަބަބަކީ މޮޅު ފޯވަޑަކު ނެތުން ކަމަށް އެ ކުލަބުގެ ސަޕޯޓަރުން ދެކެ އެވެ. މިހެންވެ ސަޕޯޓަރުންގެ ޕްރެޝަރާއެކު އާސެނަލް އޮތީ ކުރި އަށް އޮތް ސީޒަނަށް މޮޅު ފޯވަޑަކު ގަތުމަށް ބޭންކް އެކައުންޓްތައް ހުޅުވާލަން ތައްޔާރަށެވެ.