އިޓަލީގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޑޮނަޑޯނީ ޑޯނަރޫމާ ބޭނުންވަނީ އޭނާގެ މިހާރުގެ ކުލަބު ފްރާންސްގެ ޕްރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގެ ގައި ދެމިހުރުމަށް ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން މިހާރު 26 އަހަރުގެ ގޯލްކީޕަރަށް ޝައުގުވެރިވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އިންޓަ މިލާނުންނެވެ.
ޕީއެސްޖީއާއެކު ޑޮނަރޫމާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ ކުރިއަށް އޮތް ސީޒަނުގެ ނިޔަލަށެވެ.
ޑޮނަރޫމާ އަކީ ޕީއެސްޖީ އަށް ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ގޯލްކީޕަރެވެ. އޭނާ ކުލަބުގައި ބަހައްޓަން ޕީއެސްޖީން ބޭނުންވި ނަމަވެސް އެކަމަށް ހުރަސް އަޅަނީ ދެ ކަމެކެވެ. އެއީ ޑޮނަރޫމާގެ މުސާރަ މާ ބޮޑުވުމާއި ކުލަބުގައި ތިބި ޒުވާން ކީޕަރުން ރަނގަޅު ކުޅުމެއް ދައްކަމުން ދިއުމެވެ. މިހެންވެ އޭނާގެ ކޮންޓްރެކްޓް ނިމެން 12 މަސް ދުވަހަށްވީ ނަމަވެސް ޕީއެސްޖީން އެކަމާމެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޔުނައިޓެޑުން އޭނާ ގަންނަން ބޭނުންވަނީ އެ ކުލަބުގެ ގޯލަށް ކުޅޭނެ މޮޅު ކީޕަރަކު ގެނައުމަށެވެ. ނަމަވެސް ޔުނައިޓެޑަކީ އަންނަ ސީޒަނުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ކުޅެވޭނެ ކުލަބަކަށް ނުވުމުކީ ޑޮނަރޫމާ ފަދަ ކީޕަރަކު ހޯދަން އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ. އިންޓަ މިލާނުން އޭނާ ބޭނުންވަނީ އެ ކުލަބުގެ ކީޕަރު ސްވިޒަލޭންޑްގެ ޔާން ސޯމާގެ އުމުރު 40 އަހަރާ ގާތް ކުރާތީ އެވެ.
ޑޮނަރޫމާ ޕީއެސްޖީ އަށް ބަދަލުވީ މީގެ ފަސް އަހަރު ކުރިން އިންޓަމިލާނާ އެންމެ ވާދަވެރި އިޓަލީގެ އޭސީ މިލާނަށް ކުޅުމަށް ފަހު އެވެ. ދާދި ފަހުން އޭނާ ބުނެފައިވަނީ މިލާނަށް ކުޅުމަކީ އިންޓަ އަށް ކުޅެން ނުޖެހޭ ސަބަބެއް ނޫން ކަމަށެވެ.