ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޮލަންޑާާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ މަގާމު ފިންލަނޑުން ހޯދައިފިއެވެ.
ޔޫރަޕްގެ ކޮލިފައިން ގްރޫޕް ޖީ ގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ފިންލެންޑަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 7 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ލިބިފަ އެވެ. ޕޮލެންޑަށް ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު އޮތީ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އިން ވަނީ ރޭ މޮލްޓާ ބަލިކޮށް 6 ޕޮއިންޓް ހޯދާފަ އެވެ.
ފިންލެންޑްގައި ކުޅުނު މި މެޗުގެ 31 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ފިންލެންޑްގެ ޖޮއެލް ޕޮޖަންޕަލޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 19 ވަނަ މިނިޓުގައި ބެންޖަމިން ކޯލްމަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި ލަނޑު ޖެހުމުގެ ކުރިންވެސް ފިންލެންޑަށް ވަނީ ލަނޑެއް ޖެހުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ހޮސްކޮނެން ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
މި މެޗުގައި ޕޮލެންޑް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖަކޫބް ކިވިއޯ އެވެ.
މި މެޗަށް ނިކުތުމުގެ ކުރިން ޕޮލެންޑަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ރޮބަޓް ލެވަންޑޯސްކީ އާއި އެ ޓީމުގެ ކޯޗު, ޕްރިބިއާޒް އާއި ދެމެދު ޖެހުނު މައްސަލައަކާއި ގުޅިގެން ލެވަންޑޯސްކީ ވަނީ އޭނާ ކޯޗަކަށް ހުއްޓާ ދެން ގައުމީ ޓީމަށް ނުކުޅޭނެކަމަށް ބުނެފަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ލެވަންޑޯސްކީ ހިތްހަމަ ނުޖެހުނީ އޭނާ އަތުން ޓީމުގެ ކެޕްޓަން ބޭންޑް އަތުލުމާއި ގުޅިގެންނެވެ.
ލެވަންޑޯސްކީގެ އިންސްޓަގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނި ކޯޗާއިމެދު އިތުބާރު ގެއްލިފައިވާތީ އޭނާ އެ މަގާމުގައި ދެމި ހުރިހާ ދުވަހަކު ދެން ގައުމީ ޓީމަށް ނުކުޅޭނެ ކަމަށެވެ.
"ޕޮލެންޑްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި އޭނާ ހުރިހާ ދުވަހަކު އަހަރެން ދެން ގައުމީ ޓީމަކަށް ނުކުޅޭނަން. ކޯޗާއިމެދު އޮތް އިތުބާރު ވަނީ ގެއްލިފަ. އަދިވެސް އުންމީދު ކުރަން ޕޮލެންޑްގެ ޖާޒީގައި ސަޕޯޓަރުންނަށް ފެންނާނެ ދުވަހެއް އަދި ލިބިގެންދާނެ ކަމަށް." ލެވަންޑޯސްކީ ބުންޏެވެ.
ޕޮލެންޑަށް މިހާތަނަށް ކުޅުނު 158 މެޗުގައި ޖުމްލަ 85 ލަނޑު ޖަހާފައިވާ ލެވަންޑޯސްކީ އަށް ޕްރޮބިއާޒް އެންމެ ފަހުން ނެގި ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.
2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޕޮލެންޑްގެ ކޯޗު ކަމާއި ހަވާލިވި ޕްރޮބިއާޒްގެ އިރުޝާދުގެ ދަށުން ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން ކަޓާފައިވަނީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ރޭ މަލްޓާ އާއި ދެކޮޅަށް ނެދަލޭންޑްސް ކުޅުނު މެޗު 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނެދަލޭންޑްސް ވަނީ މޮޅުވެފަ އެވެ. މި މެޗުގައި ނެދަލޭންޑްސް އިން ޖެހި އަށް ލަނޑުގެ ތެރެއިން ދެ ލަނޑު މެމްފިސް ޑިޕޭ ކާމިޔާބުކޮށްދީފައިވާއިރު އަނެއް ހަ ލަނޑު ޖަހާފައިވަނީ ތަފާތު ހަ ކުޅުންތެރިންނެވެ.