ޚަބަރު

ޝައިޚް ފަރީދުގެ ޖަނާޒާ މެލޭޝިޔާގައި ބާއްވައިފި


  • ޖަނާޒާ ބާއްވާފައިވަނީ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައި

  • ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައި

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޚިދުމަތްތެރި ދާޢީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަނާޒާ މެލޭޝިޔާގައި ބާއްވާފައިއެވެ.

ޝައިޚް ފަރީދު އަވަހާރަވުމާއި ގުޅިގެން ހަށިގަނޑު ރާއްޖެ ގެނައުމަށް އާއިލާއިން މަސައްކަތް ކުރިނަމަވެސް މެލޭޝިޔާގެ އުޞޫލުތައް އޮންނަގޮތުން އެޤައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހެއެވެ. އެހެންކަމުން އާއިލާއިން ވަނީ ޖަނާޒާ މެލޭޝިޔާގައި ބޭއްވުމަށް ނިންމާފައެވެ.

މެލޭޝިޔާގައި ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ. މޫނު ދެއްކުން ކުރިއަށްގެންގޮސްފައިވަނީ މެލޭޝިޔާ ގަޑިން ހެނދުނު 11:00 އިން 12:30އަށެވެ،

ޝައިޚް ފަރީދު ފަސްދާނު ލާފައިވަނީ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ.

އުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދު އަވަހާރަވީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައިި ހޯމަ ދުވަހު މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވަނިކޮށެވެ.

ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށްކުރެވޭ ކަށުނަމާދު އަންނަ ހުކުރު ދުވަހު ކުރާގޮތަށް ރާއްޖޭގައި ވަނީ ހަމަޖައްސާފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޝައިޚު ފަރީދުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށުނަމާދު މިމަހުގެ 13 ވާ ހުކުރު ދުވަހު މާލޭގެ އިތުރުން އަތޮޅުތެރޭގެވެސް ހުކުރު ކުރާ ކޮންމެ މިސްކިތެއްގައިވެސް އޮންނާނެކަމަށެވެ.

ވަޒީރު ވިދާޅުވީ، މަރުޙޫމް ޝައިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި ޢީލްމީ ދަރިއެއް ކަމަށެވެ.

ޝައިޚް ފަރީދުއަކީ ދިވެހި ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަކޮށް އިސްލާމްދީނާއި ކީރިތި ރަސޫލާގެ ސުންނަތަށް މީހުންގެ ހޭލުންތެރިކުރުމަށް ތަފާތު ގިނަ ގުނަ ދަރުސްތަކެއް ޝައިޚް ވަނީ ދެއްވާފައެވެ. އެގޮތުން ޝައިޚް ފަރީދުގެ ދަރުސްތަކާއި ހޭލުންތެރިކުރުމުގެ ހަރަކާތްތަކަކީ އެތައް ބައެއްގެ ސަމާލުކަން ލިބުނު އަދި އެދަރުސްތައް ގިނަ ބަޔަކު އަޑުއަހައި އެއަށް އަމަލުކުރި ދަރުސްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.