ޚަބަރު

ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ހަރުދަނާކުރަން މަޝްވަރާކުރައްވައިފި


  • ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަލަށް އައްޔަން ކުރެވުނު އިސްމާޢިލް ނަވީނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއާ ބައްދަލުކުރައްވައެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ސިފައިންގެ މައި މަރުކަޒުގައި ބުދަ ދުވަހުއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި ސީޕީ އާއި ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފުވުމުގެ ގޮތުން ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، އެ މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.