ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޒިމްބާބުވޭއާއެކު މަޝްވަރާކުރައްވައިފި


  • ރާއްޖެއާއި ޒިމްބާބްވޭއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 7 ޖަނަވަރީ 1987 ގައި

ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޒިމްބާބުވޭއާއި ރާއްޖެއިން މަޝްވަރާކުރައްވައިފިއެވެ.

މިމޭރުމުން މަޝްވަރާކުރައްވާފައިވަނީ ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން- ރެޒިޑެންޓް ސަފީރު، ސްޓެލާ ނޮކޮމޯ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ސްޓެލާ ނޮކޮމޯ، ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ޒިމްބާބްވޭގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އައު ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން މަސްލަޙަތު ހިއްސާކުރާ ކަންކަމާމެދު މަޝްވަރާކުރައްވަމުން ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެފަރާތުންވެސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ފަންނީ މަޢުލޫމާތު ހިއްސާކުރުމަށް ޚާއްޞަ ސަމާލުކަން ދިނުމާއެކު، އިޤްތިޞާދީ ގޮތުން ގުޅުންބަދަހިކުރެވެން ހުރި ފުރުޞަތުތައް ފުޅާކުރުމަށް ގަސްދުކުރައްވާކަން ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޒިމްބާބްވޭއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 7 ޖަނަވަރީ 1987 ގައެވެ.