މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރަން ގްރީސްއާއެކު މަޝްވަރާކުރައްވައިފިއެވެ.
މިމޭރުމުން މަޝްވަރާ ކުރައްވާފައިވަނީ ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، އަލިކި ކޫޓްސޮމިޓޮޕޫލޫ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މިރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
ގްރީސްގެ އައު ސަފީރު، ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އައު ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. އެއަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރެވިދާނޭ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމާމެދު ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.
އަދި ދެ ޤައުމަށްވެސް ފައިދާކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ހުރި އިތުރު ފުރުޞަތުތައް ހޯދުމަށް ގާތުން މަސައްކަތްކުރުމަށް ގަސްދުކުރައްވާކަން ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެ އާއި ގްރީސް އާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ، 17 ސެޕްޓެމްބަރު 1983 ގައެވެ.