ޚަބަރު

ޑެންމާކާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި


  • ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޑެންމާކް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރެއްވި

ޑެންމާކާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން އެ ޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވީ މިއަދުއެވެ. މި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ދެބޭފުޅުންގެ ވާހަކަފުޅުގައި، ޚާއްޞަ ގޮތެއްގައި، އިޤްތިޞާދާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ އަދި އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއަށް އަލިއަޅުއްވާލައްވާފައެވެ.

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ޑެންމާކް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ. އަދި، ޑެންމާކަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެއްކަން ފާހަގަކުރައްވައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވުމުން، އެ ސެކްޓަރު އިތުރަށް ފުޅާވެގެންދާނޭކަމުގެ ޔަޤީންކަން އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ އާއި ޑެންމާކާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރީ 1982 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ އަށްވަނަ ދުވަހުއެވެ.