ޚަބަރު

މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި 5 މީހަކު 5 އަހަރަށް ޖަލަށް


މިދިޔަ އަހަރުގެ މޭޑޭގައި އިދިކޮޅު ފަރާތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލަހަކަށް އަނިޔާކުރި މައްސަލާގައި 5 މީހަކު 5 އަހަރަށް ޖަލަށްލުމަށް ކުރިމިނަލްކޯޓުން ޙުކުމްކުރައްވައިފިއެވެ.

ފުލުސް މީހާއަށް ޙަމަލާދިން މައްސަލާގައި ޖަލަށްލުމަށް ޙުކުމްކުރައްވާފައިވަނީ އީގަލްސްގެ ކުރީގެ ގޯލްކީޕަރ މ.ބާންސަރީ  އިބްރާހީމް ލަބާން ޝަރީފާއި، ލ. ގަން އެއްގަމުގޭ ނާޞިރާ ޢަލީއާއި، ގ. ކީމާ ޢަބްދުﷲ ރަޝީދާއި، ގ. ބްލޫވޭވް ފަރުޙަތު ޢަލީއާއި ގދ. ގައްދޫ ނީލޯފަރުމާގޭ ޢުމަރު ޤާހިރުއެވެ.

މި މައްސަލަ ނިންމަވައި، މިއަދު ކުރިމިނަލްކޯޓުން އިއްވެވި ހުކުމްގައިވަނީ މިދިޔަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އެރޭ ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިން ފުލުހަކު ދުވެފައިދަނިކޮށް އިބްރާހީމް ލަބާން ޝަރީފް ފައިން ޖަހައި، އެ ފުލުސްމީހާ ބިއްމައްޗަށް ވައްޓަލާފައިވާކަމަށެވެ. އަދި އެއަށްފަހު ދެންތިބި މީހުން އައިސް އެ ފުލުސް މީހާއަށް ޙަމަލާދީ ޒަޚަމްކޮށްލާފައިވާކަމަށެވެ.

ކުރިމިނަލް ކޯޓްގެ ޙުކުމްގައި ވަނީ ދައުލަތުން ހުށައެޅުއްވި ހެކިންގެ ހެކިބަހުންނާއި ޤަރީނާތަކުން މި އެންމެންގެ މައްޗަށް ކުށްސާބިތުވާކަމަށެވެ.

މި މައްސަލާގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދަޢުވާކުރެއްވިނަމަވެސް ކުށްސާބިތުވެފައިވަނީ 5 މީހެއްގެ މައްޗަށެވެ. އަނެއް 2 މީހުންގެ މައްޗަށް ކުށްސާބިތުނުވާކަމަށް މިއަދު ކޯޓުން ކަނޑައަޅުއްވާފައިވެއެވެ.