މިދިޔަ މެއި މަހު 2.18 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު %30.5 އިތުރުއަދަދެކެވެ. އަދި މިއީ މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %7.3 އިތުރު އަދަދެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން މަޢުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މެއި މަހުގެ އާމްދަނީ 2024 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
އެގޮތުން މިދިޔަ އަހަރުގެ މާރޗްމަހާއި އަޅާބަލާއިރު މިއަހަރުގެ މާރޗްމަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ %4.8 އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީތަކަށް ކުރިއެރުން ލިބިފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓް ބޮޑުކުރުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާއި ގުޅިގެން މިިދިޔަމަހުގެ އާމްދަނީ އިތުރުވިކަމަށް މީރާއިން ވިދާޅުވެއެވެ.
މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އަންދަޒާކުރިވަރަށްވުރެ އިތުރުވުމާއި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކްސް ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމުންނެވެ.
މީގެ އިތުރުން މޭ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރާ ބިންތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމަށްޓަކައި ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ފީ ދައްކާފައިވާތީ އަންދާޒާ ކުރި ޖުމުލަ އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާކަމަށްވެސް މިރާއިން ވިދާޅުވިއެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.5 ނުވަތަ 1.36 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 204.9 މިލިޔަން ރުފިޔާއެވެ.
ހަމައެހެންމެ އެއަޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 167.5 މިލިޔަން ރުފިޔާ، ޑިޕާޗާރ ޓެކުހުގެ ގޮތުގައި 165.1 މިލިޔަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 133.3 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ވާރކް ޕާމިޓް ފީގެ ގޮތުގައި 63.9 މިލިޔަން ރުފިޔާވެސް ބަލައިގަނެފައިވެއެވެ.
މިއަހަރުގެ މެއި މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.74 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.