ޚަބަރު

ބީއެމްއެލް ކާޑު ފޮނުވަންޖެހޭ އެޑްރެސްތަކުގެ މަޢުލޫމާތު އަދާހަމަކުރުމަށް އެބޭންކުން އިލްތިމާސްކޮށްފި


  • މެއިލިން އެޑްރެސްގައި ބައެއް ފަރާތްތަކުން ދިރިނޫޅޭކަން ބީއެމްއެލްއިން ފާހަގަކުރޭ

  • މާލެ ސަރަހައްދުގައި ކާޑުތައް ޕޯސްޓުން ޑެލިވަރ ކުރަނީ ޕޯސްޓު މެދުވެރިކޮށް

މާލެ ސަރަހައްދުގައި ބީއެމްއެލްގެ ކަސްޓަމަރުންގެ ކާޑުތައް ޑެލިވަރ ކުރުމަށް، ކަސްޓަމަރުންގެ މެއިލިން އެޑްރެސްތައް އަދާހަމަކުރުމަށް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން އިލްތިމާސްކޮށްފިއެެވެ.

ބީއެމްއެލްއިން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވީ، މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ފޮނުވައިދިނުމުގައި ދަތިތަތަކެއް ދިމާވާ ކަމަށެވެ. މިކަން ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ބޭންކުން އިސްކަމެއް ދޭ ކަމަށެވެ. އެހެން ނަމަވެސް ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ބައެއް ކަސްޓަމަރުން ދިރިއުޅެމުން ނުދާކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އެހެންކަމުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން." ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ ކާޑު ކަސްޓަމަރާއި ހަމައަށް ނުފޯރަނީސް އެކްޓިވޭޓް ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޭންކުން ކާޑު އެކްޓިވޭޓް ނުކުރާކަން ފާހަގަކޮށް އެކަން ކުރާނީ ކަސްޓަމަރު އަމިއްލައަށްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

"ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެ. ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ." ސަޢީދު ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތައް މޯލްޑިވްސް ޕޯސްޓު މެދުވެރިކޮށް ޑެލިވަރ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ރަށްރަށުގައި މިކަން ކުރާނީ ބީއެމްއެލްގެ މުވައްޒަފުން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.