ކްރިކެޓަށް ޚާއްސަކޮށްގެން އިންޓަެނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ކުރިއަށްގެންދާ އައިސީސީ އޭޝިއާ ހަފުތާ ފާހަގަކުރުމުގެ ގޮތުން ލ. ކުނަހަންދޫގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ފެސްޓިވަލެއް ކުރިއަށްގެންގޮސްފިއެވެ.
މިހަރަކާތާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު (ލަރޭ) ބުނީ މިހަރަކާތުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާކަމަށާ މިކަން ކުރިއަށްދިޔައީ ވަރަށް ކާމިޔާބުކަމާއެކުކަމަށެވެ.
"ވަރަށް ވަރަށް ހިތްހަމަޖެހޭ، ވަރަށް ގިނަ އަދަދެއްގެ ކުދިން ބައިވެރިވި، ކްރިކެޓް ވީކު ވަރަށް ފޯރީގަ މިކޮޅުގަ ފާހަގަކުރަމުންމިދަނީ" ލަރޭ ބުންޏެވެ.
ކުރިކެޓަށް ޚާއްސަ ހަފުތާ ފާހަގަކުރުމުގެ ގޮތުން ކުނަހަންދޫގައި ޖޫނިއަރ އަންހެން ޓީމާއި ފިރިހެން ޓީމާ ދެމެދު ކުޅެވޭ މެޗެއްވެސް އޮންނާނެ ކަމަށާއި، މީގެ އިތުރުން އަންހެން ބެލެނިވެރިންނާއި ސީނިއަރ އަންހެން ޓީމާ ދެމެދު ކުޅެވޭ މެޗެއްވެސް މިހާރު ވަނީ ތާވަލުކޮށްފައި ކަމަށް އޭނާ ފާހަގަކުރިއެވެ.
ކްރިކެޓަށް ޚާއްސަކޮށްގެން އިންޓަރނޭޝަނަލް ކުރިކެޓް ކައުންސިލް (އައިސީސީ) އިން ކުރިއަށްގެންދާ އައިސީސީ އޭޝިއާ ހަފުތާ ފާހަގަކުރުން މިއަހަރު ރާއްޖޭގެ ތިން ސަރަހައްދެއްގައި އޮންނާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ވަނީ އިއުލާންކޮށްފައެވެ.
ސީބީއެމްއިން ބުނީ މިހަރަކާތްތައް މިމަހުގެ 13 އިން 21 އަށް މާލެ އާއި، ލ. ކުނަހަންދޫގެ އިތުރުން ޏ. ފުވައްމުލަކުގައި ކުރިއަށްދާނެ ކަމަށެވެ. އާންމުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި އެކި އުމުރުފުރާތަކަށް ޚާއްސަކޮށްގެން މެޗުތަކެއް ކުޅުމަށްވެސް ވަނީ ތާވަލުކޮށްފައެވެ.