ކުޅިވަރު

ގާސިއާގެ ރިލީޒް ފައިސާ ބާސެލޯނާއިން ދައްކައިފި


އެސްޕަނިއޯލްގެ ގޯލްކީޕަރު ޖޯން ގާސިއާ ގަތުމަށް ހޭދަކުރަންޖެހޭ 25 މިލިޔަން ޔޫރޯ ބާސެލޯނާއިން ދައްކައިފިއެވެ.

ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި މި ފައިސާ ބާސެލޯނާއިން ދައްކާފައިވަނީ ސްޕެނިޝް ލީގަށެވެ. މިއާއެކު އެ ލީގުން މިހާރު ޔަގީން ކުރަމުންދަނީ ބާސެލޯނާއިން ދެއްކި ފައިސާ ލިބިފައިވޭތޯ އެވެ. މި ފައިސާ ބާސެލޯނާއިން ދައްކައިފިކަން ސްޕެނިޝް ލީގަށް ކަށަވަރު ކުރެވުމާއެކު ގާސިއާ އެސްޕަނިޔޯލްގެ ސްކޮޑުން ވަކިކޮށް ބާސެލޯނާގެ ޓީމު ލިސްޓުގައި ހިމަނާނެ އެވެ.

ޖޯން ގާސިއާ އަކީ ބާސެލޯނާ އާއި އެސްޕަނިޔޯލް ވެސް ނިސްބަތްވާ ކެޓަލޯނިއާ އަށް އުފަން ކުޅުންތެރިއެކެވެ. އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލު ވުމަކީ އެސްޕަނިޔޯލްއިން ވަރަށް ބޮޑަށް ނުރުހޭ ކަމެކެވެ. ނަމަވެސް ބާސެލޯނާ އަށް ކުޅުންތެރިޔާ ގެންދިއުމުގައި އެންމެ މުހިންމު ރޯލެއް ކުޅެފައިވަނީ އޭނާގެ އެޖެންޓެވެ.

ގާސިއާ މިހާރުވީ އޮފް ސީޒަނުގެ ޗުއްޓީގަ އެވެ. އޭނާ ޗުއްޓީ އަށް ދިޔައީ ބާސެލޯނާއާއެކު ފަސް އަހަރު ދުވަހުގެ އެގްރީމަންޓެއްގައި ސޮއިކޮށްފަ އެވެ. އަދި ދެ ފަރާތުން ބޭނުންވެއްޖެނަމަ މި ކޮންޓްރެކްޓް ހަ ވަނަ އަހަރަށް ދަންމާލެވޭނެ އެވެ. މިހެންވެ 2031 ވަނަ އަހަރާ ހަމަ އަށް އޭނާ ހުންނާނީ ބާސެލޯނާގަ އެވެ.

އެ ކުލަބުން ވަނީ ގާސިއާ އަށް އަންނަ ސީޒަނުގެ ފުރަތަމަ 11އިން ޖާގަ ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. މިއާއެކު އެންމެ ބޮޑަށް ހިތްހަމް ނުޖެހިފައިވަނީ ފާއިތުވެދިޔަ 10 އަހަރު އެ ކުލަބަށް ކުޅުނު މިހާރުގެ ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން އެވެ. އޭނާ ވިއްކާލަން ކުލަބުން ބޭނުންވި ނަމަވެސް ކުޅުންތެރިޔާ ހުރީ އެކަމުގައި ދޫ ނުދޭން ނިންމައިގެންނެވެ.