ޚަބަރު

ކްލަބް ވޯލްޑްކަޕަކީ އެމެރިކާގެ ޓީމުތަކަށް ލިބޭ ރަގަޅު ފުރުސަތެއް: މެސީ


ފީފާ ކްލަބް ވޯލްޑް ކަޕަކީ އެމެރިކާގެ ޓީމުތަކަށް ލިބިގެންދާނެ ރަގަޅު ފުރުސަތެއް ކަމަށް އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

ރާއްޖެ ގަޑިން މިރޭ ފަތިހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާގެ އަލް އަހުލީ އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މެސީ ބުނެފައިވަނީ މި މުބާރާތަކީ އެމެރިކާ ތަމްސީލު ކުރާ ހުރިހާ ކްލަބްތަކަށްވެސް ލިބިގެންދާނެ ރަގަޅު ފުރުސަތެއް ކަމަށެވެ.

"މިއީ އެމެރިކާގެ ކްލަބްތަކަށް ލިބިގެންދާނެ ރަގަޅު ފުރުސަތެއް. ޔޫރަޕްގެ ގަދަ ބާރުތަކާއި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންނާއި ދެކޮޅަށް ކުޅުމަށް އެމެރިކާގެ ކްލަބްތަކަށް ލިބޭ ރަގަޅު ފުރުސަތެއް މިއީ." މެސީ ބުންޏެވެ.

"މި މުބާރާތަކީ ހުރިހާ ގޮތަކުންވެސް ވަރަށް ތަފާތު މުބާރާތެއް. ދުނިޔޭގެ އެންމެ މޮޅު ކްލަބް އެނގިގެންދާ މި މުބާރާތުގައި ތަފާތު އެކި ބައްރުތަކުގެ ބޮޑެތި ކްލަބްތައް ވާދަކުރާނެ. އަދި އެތަކެއް ސަޕޯޓަރުންނެއް ބަލަން ބޭނުންވާ ކުޅުންތެރިން މި މުބާރާތުން ފެނިގެންދާނެ." މެސި އިތުރަށް ބުންޏެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާރާތަކީ ފީފާ އިން މުޅިން އަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ދުނިޔޭގެ އެކި ބައްރު ތަކުގެ ޗެމްޕިއަން ޓީމުތަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ މި މުބާރާތުގައި އެމެރިކާ ތަމްސީލު ކުރުމަށް އިންޓަރ މަޔާމީއަށް ފުރުސަތު ދިނުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި ފީފާ އިން އެ ފުރުސަތު އިންޓަރ މަޔާމީއަށް ދީފައިވަނީ މެސީ އަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި އިންޓަރ މަޔާމީއަށް ފުރުސަތު ދީފައިވާއިރު ފީފާއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން މޭޖަރ ލީގުގެ ޗެމްޕިއަން އެލްއޭ ގެލެކްސީ އާއި ލޮސް އެންޖެލިސް އެފްސީގެ އިތުރުން ސިއޭޓަލް ސައުންޑަރސް އަށް މި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މެސީ މިހެން ބުނެފައިވާއިރު އޭނާ އާއިއެކު އިންޓަރ މަޔާމީއަށް ކުޅެމުންދާ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފައިވަނީ މި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ކަމަށެވެ.