ޚަބަރު

ބޭނުން ކުރެވޭ ރިޒާވް މޭމަހުގެ ނިޔަލަށް 217 މިލިއަން ޑޮލަރަށް


  • މަހުން މަހަށް ބޭނުން ކުރެވޭ ރިޒާވް ވަނީ %27ގެ ކުރިއެރުމެއް ލިބިފައި

  • މޭ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 815.82 މިލިއަން ޑޮލަރު

އަހަރުގެ ފުރަތަމަ 5 މަަސް ނިމުނުއިރު ބޭނުން ކުރޭ ރިޒާވް 217 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މޭ މަސް ނިމުނު އިރު ބޭނުން ކުރޭ ރިޒާވް ވަނީ އިތުރުވެފައެވެ. އެގޮތުން އެޕްރީލް މަހު ބޭނުން ކުރެވޭ ރިޒާވް، 171.3 މިލިއަން ޑޮލަރުގައި ހުރިއިރު، މޭ މަހުގެ ނިޔަލަށް މިއަދަދު ވަނީ 217.88 މިލިއަން ޑޮލަރަށް އަރާފައެވެ. އެހެންކަމުން މަހުން މަހަށް ބޭނުން ކުރެވޭ ރިޒާވް ވަނީ 46.58 މިލިއަން ޑޮލަރު އިތުރުވެފައި ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކައެވެ.

ބޭނުން ކުރޭ ރިޒާވް އިތުރުވެފައިވީނަމަވެސް، ރަސްމީ ރިޒާވް އެޕްރީލް މަހާއި އާޅާ ބަލާއިރު ދަށްވެފައެވެ. މިދިޔަ އޭޕްރީލް މަހު ރަސްމީ ރިޒާވް ހުރީ 865.34 މިލިއަން ޑޮލަރުގައެވެ. ނަމަވެސް މޭއި މަސް ނިމުނު އިރު މިމިންވަރު ވަނީ 5 އިންސައްތަ ދަށްވެފައެވެ. މޭއި މަހު ރަސްމީ ރިޒާވް ހުރީ 815.82 މިލިއަން ޑޮލަރުގައެވެ.

ރަސްމީ ރިޒާވް ދަށްވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް އިތުރުވެފައިވާއިރު، ބޭރު ފައިސާގެ ރިޒާވް ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ބޭރުފައިސާގެ ވަކިއިންސައްތައެއް ބޭންކުތަކަށް މާރުކުރަން މިއަހަރު ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވެއެވެ. މީގެ ތެރެއިން 60 އިންސައްތަ ބޭންކު ތަކުން އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. ނަމަވެސް ޤަވާއިދަށް ބަދަލު ގެނެސް މިއަހަރު ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 90 އިންސައްތަ އެމްއެމްއޭއަށް ވިއްކުމަށް ވަނީ ލާޒިމްކޮށްފައެވެ.

ދައުލަތުގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާއިރު، ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އަށް ބަދަލު ނުގެނެސް މިހާރު އޮތް ސީސީ ރޭޓިންގް ގައި ދަމަހައްޓާފައެވެ. މީގެ ކުރިން ރޭޓިންއަށް ބަދަލު ގެނައިއިރު ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަކޮށްފައިވާ ރޭޓިން އަށް ބަދަލު ގެނައި އެއް ސަބަބު ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ރިޒާވަށް ހުރި ގޮންޖެހުންތަކެވެ.