ޚަބަރު

ރަތްމަންދޫ ކައުންސިލުގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިިފި


  • މި މަޝްރޫއު ކުރިއަށްގެންދިޔައީ އެލްޖީއޭގެ އިޖުތިމާޢީ ޒިންމާގެ ދަށުން

މ. ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތަކުގެ މަސައްކަތަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން އެ އޮތޯރިޓީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

އެލްޖީއޭގެ އިޖުތިމާޢީ ޒިންމާ ނުވަތަ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން، މ. ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިޔައީ އެ ރަށު ކައުންސިލާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް އެލްޖީއޭއިން ކަނޑައެޅީ 4.8 މިލިޔަން ރުފިޔާއެވެ.

މި މަޝްރޫއުގެ މަސައްކަތް މިދިޔަ މާޗު މަހުގެ 22ވަނަ ދުވަހު ނިންމާލާފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

އެލްޖީއޭއިން ވިދާޅުވީ ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތުގެ ޑިޒައިންކޮށްފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް ލިބިގެންދާނެފަދަ ގޮތަކަށެވެ. އެގޮތުން، އެ އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ކައުންސިލް އިދާރާގައި ކައުންސިލް ރައީސާއި ކައުންސިލް ނައިބުރައީސް އަދި ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ވަކި ކެބިންތައް ހަދާފައިވާ ކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން އަންހެން އަދި ފިރިހެނުންނަށް ހާއްސަ ފާޚާނާވެސް ހަދާފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

ރަތްމަންދޫ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް މަދު އިމާރާތެކެވެ. އައު ކައުންސިލް އިދާރާއާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ހިދުމަތް ދެވޭނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.