އީރާނަށް އަމާޒުކޮށް ޔަހޫދީންގެ ދަޢުލަތުން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި، އީރާނާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުގެ ސަރަޙައްދުތަކަށް ޔަމަނުގައި ހަރަކާތްތެރިވާ ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ޙޫޘީންވެސް ޙަމަލާތައް ދޭން ފަށައިފިއެވެ.
ޙޫޘީން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބެލިސްޓިކް މިސައިލްތަކުން އިސްރާއީލުގެ ޖާފާއަށް ޙަމަލާ ދީފައި ކަމަށް، އެ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްޔާ ސާރިއާ ޓީވީތައް މެދުވެރިކޮށް ބުންޏެވެ.
"އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާ ފަލަސްޠީނާއި އީރާނުގެ ރައްޔިތުންނަށް ކާމިޔާބު ހޯދައިދިނުމަށް، މި ޙަމަލާތައް ރާވާފައިވަނީ އިސްރާއީލާ ދެކޮޅަށް އީރާނުގެ ސިފައިން ހިންގި އޮޕަރޭޝަންތަކާ ގުޅިގެން،" އޭނާ ބުންޏެވެ.
އީރާނުގެ އިތުރުން ޔަމަނުން ވެސް މިސައިލް ޙަމަލާތައް ފޮނުވާލާފައިވާކަން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ވަނީ ޔަޤީންކޮށްދީފައެވެ.
ޖޫން 13ވަނަ ދުވަހު އީރާނަށް އިސްވެ ޙާމަލާދީފައި ވަނީ ޔަހޫދީ ފައުޖުންނެވެ. އޭގެ ރައްދުގައި އީރާނުން ވެސް ޒަޔަނިސްޓު އިސްރާއީލްގެ ސަރަޙައްދުތަކަށް ޑްރޯނާއި މިސައިލް ޙަމަލާތައް ފޮނުވާލައި، ބޮޑެތި ގެއްލުންތައް ދީފައެވެ.
އޭގެފަހުން، ރޭގެ ވަގުތެއްގައި ވެސް ޔަހޫދީންގެ ފައުޖުން ވަނީ އީރާނުގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށް އައު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފަށާފައިވާ ޤަތުލުޢާންމާ ދެކޮޅަށް ތެދުވެފައިވާ ޖަމާޢަތްތަކުގެ ތެރޭގައި ޙޫޘީން ހިމެނެއެވެ. ޔަހޫދީންނާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަހޫދީންގެ މަސްލަޙަތު އޮތް އާގުބޯޓުފަހަރާއި، އިސްރާއީލަށް މުދާ އުފުލާ އުޅަނދުފަހަރަށެވެ. އެ ޖަމާޢަތުން 100އަށްވުރެ ގިނަ އުޅަނދަށް ޙަމަލަދީ، އޭގެ ތެރެއިން ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.