ޚަބަރު

ނަބީލު މެރުމަށް ކުރި ޙުކުމް ސުޕްރީމްކޯޓުން ދަމަހައްޓައިފި


ސ. ހުޅުދޫ ލީލީމާގޭ ޢަބްދުﷲ ފަރުހާދުގެ މަރުގެ ބަދަލުގައި ގ. ރީފް މުޙައްމަދު ނަބީލު މެރުމަށް ދަށުކޯޓުން މީގެ ހަ އަހަރު ކުރިން ކުރި ޙުކުމަށް ތާއީދުކުރައްވާ އެ ޙުކުމް ސުޕްރީމްކޯޓުން މިއަދު ދަމަހައްޓަވައިފިއެވެ.

ތޫނު އެއްޗަކުން ފަރުހާދު ބުރައްކައްޓަށް ދިން ޙަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް އެނާ މަރުވެފައިވަނީ ދެހާސް ނުވަވަނައަހަރުގެ ތެރޭގައެވެ. ޖެހިގެން އައި އަހަރު އެ މައްސަލަ މުޙައްމަދު ނަބީލްގެ މައްޗަށް ސާބިތުވެ، އެނާ މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ޙުކުމްކުރައްވާފައިވެއެވެ. އަދި ދަށުކޯޓްގެ އެ ނިންމެވުމަށް ހައިކޯޓުން ތާއީދުކުރައްވާފައިވެއެވެ.

ހައިކޯޓުން ނިންމެވި ނިންމެވުމުން ސުޕްރީމްކޯޓަށް ހުށައެޅުއްވި ދައުލަތުގެ ފަރާތުން. އެ މައްސަލަ ނިންމަވައި ސުޕްރީމްކޯޓުން މިއަދު އިއްވެވި ޙުކުމުގައިވަނީ ފަރުހާދު މަރާލީ ނަބީލުކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ސާބިތުވާކަމަށެވެ. އަދި ދަށުކޯޓްގައި ދައުލަތުން ހުށައެޅި ހެކިންގެ ހެކިބަހުގައި އެއްވެސް ފުށުއެރުމެތްނެތްކަމަށެވެ. އަދި ފަރުހާދުގެ ބުރަކައްޓާ ދިމާއަށް ތޫނު އެއްޗެއް އެއްލިކަމަށް ނަބީލް ދަށުކޯޓްގެ މުއްދަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފަށް ހެކިންގެ ހަކިބަހުން ބާރުލިބިފައިވާކަމަށްވެސް ސުޕްރީމްކޯޓްގެ ޙުކުމްގައިވެއެވެ.