ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިޔެސްޓަރ 2025 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ އެކައުންސިލުގެ ފަރާތުން ބާއްވާ ދެވަނަ ފުޓްސަލް މުބާރާތެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ މަޑަވެއްޔަށް ނިސްބަތްވާ ޓީމުތަކަށާ ކައުންސިލުން ދައުވަތުދޭ ކައިރި ރިސޯޓްތަކަށް އެކަންޏެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 12ވަނަ ދުވަހުން ފެށިގެންގޮސް އަންނަ ޖުލައިމަހުގެ 03ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. ސެޕްޓެމްބަރުމަހުގެ 19އިން 25އަށް ތާވަލުކޮށްފަވާ މިމުބާރަތުގެ ކުޅުން ކުރިއަށްދާނީ މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ގުރުއަތުނެގުން އޮންނާނީ ސެޕްޓެމްބަރުމަހުގެ 11ވަނަ ދުވަހުގެރޭ 08:30ގައެވެ.
މިމުބާރާތުގެ އެއްވަނަ ޓީމަށް -/25000ރ (ފަންސަވީސް ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއްދޭގޮތަށް ހަމަޖެހިފަވާއިރު ރަނަރަޕް ޓީމަކަށް ލިބިގެންދާނީ -/15000ރ (ފަނަރަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެކެވެ.
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކުރާ މިމުބާރާތް ބެއްވުމުގެ މަގުސަދަކީ އެރަށުގައި ފުޓްސަލް އާލާކުރުމާއި، ރަށުގެ ޒުވާނުންނަށް ވާދަވެރި މާހައުލެއްގައި މިކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމަކީވެސް މިމުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ.
ރޭގަނޑު މެޗުތައް ކުޅޭގޮތަށް ރާވާފައިވާ މިމުބާރާތުގައި 08 ޓީމަށްވުރެ ގިނަ ޓީމުން ބައިވެރިވެއްޖެނަމަ މުބާރާތް ކުރިއަށްދާނީ ގްރޫޕް އުސޫލުންނެވެ. އަދި ބައިވެރިވި ޓީމުތަކުގެ އަދަދު 08 ޓީމަށްވުރެ މަދުވެއްޖެނަމަ މުބާރާތުގެ މެޗުތައް ކުޅޭނީ ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ޕޮއިންޓު ސިސްޓަމަށެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމާއި މުބާރާތުގެ ގަވާއިދު މިހާރުވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ