ސްކޮޓްލަންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަންވެސް ލިވަޕޫލް ދޫކޮށްލަން ވިސްނަން ފަށައިފިއެވެ.
އޭނާ ގަތުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްގެން އުޅެނީ ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑުންނެވެ. އެ ކުލަބުން ވާތް ފަރާތު ބެކެއް ހޯދަން ކުރާ މަސައްކަތް އިތުރު ގިއަރަކަށް މައްޗަށް ޖައްސާލީ ކުލަބު ވޯލްޑް ކަޕުގައި ފްރާންސްގެ ޕީއެސްޖީ އަތުން 4-0އިން ބަލިވުމުންނެވެ.
އެތްލެޓިކޯއިން މިހާރު ވަނީ ކުޅުންތެރިޔާ ނުރަސްމީކޮށް މަޝްވަރާކޮށްފަ އެވެ. އަދި މިކަމަށް އަހުލުވެރިވެ ލިވަޕޫލުން ވެސް ވަނީ ކުޅުންތެރިޔާ ވިއްކާލުމަށް ތައްޔާރުވެފަ އެވެ. ސްޕޭނުގެ ނޫސްވެރިން ބުނާ ގޮތުގައި ލިވަޕޫލުން ވަނީ ފަސް މިލިއަން ޕައުންޑަށް ރޮބަޓްސަން ވިއްކާލަން ތައްޔާރަށް އޮތް ކަމަށް ނިންމާފަ އެވެ.
އުމުރުން މިހާރު 33 އަހަރު ފުރެމުންދާ ރޮބަޓްސަން ވެސް ހުރީ ލިވަޕޫލުގައި ކޮންމެހެން މަޑުކުރާ ވިސްނުމެއްގަ އެއް ނޫނެވެ. ސަބަބަކީ އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެންމެ އަހަރެއް އޮތުމާއި ލިވަޕޫލުގައި އޭނާގެ މަގާމަށް ކުޅެން ޒުވާން ކުޅުންތެރިން ކޯޗު އާނޭ ސްލޮޓް ހޯދަން ފެށުމެވެ. މިހެންވެ ލިވަޕޫލްގައި މިހާރު ކުރިމަގެއް ނެތް ކަމަށް ރޮބަޓްސަން ގަބޫލު ކުރާ ކަމަށް ވެސް އޭނާއާ ގާތް ގުޅުން އޮންނަ ފަރާތްތަކުން ވަނީ ބުނަން ފަށައިފަ އެވެ.
ރޮބަޓްސަން ލިވަޕޫލް ދޫކޮށްލާ ވާހަކަ ދެކެވެން މި ފެށީ އެ ކުލަބުގެ ކަނާތު ބެކް ޓްރެންޓް އެލެގެޒެންޑާ އާނޮލްޑް ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނިކޮށެވެ. ނިމިދިޔަ ސީޒަނަށް ފަހު އާނޮލްޑް ލިވަޕޫލް ދޫކޮށްލީ އޭނާގެ ކޮންޓްރެކްޓް ހަމަވުމުންނެވެ. އާނޮލްޑާއި ރޮބަޓްސަން އަކީ ލިވަޕޫލަށް ދެ ފަހަރު ޕްރެމިއާ ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިންނެވެ. ހާއްސަކޮށް މި ދެ ކުޅުންތެރިންނަކީ ކުރީގެ ކޯޗު ޔާގެން ކްލޮޕް ބިނާކުރި ކާމިޔާބު ޓީމުގެ ދެ ފަރާތުގެ އަރިމަތިން ފަހަތާއި އެޓޭކްގެ މުހިންމު ދެ ތަނބެވެ.