ޔަހޫދީން އީރާނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ވެރިރަށް ތެހްރާންގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދާން ފަށައިފިއެވެ.
އީރާނަކީ ނުރައްކާތެރި ޙާލަތްތަކުގައި ރައްކާތެރިކަން ހޯދުމަށް ބިމު އަޑީގައި ޚާއްޞަ ހިޔާތައް ޤާއިމު ކޮށްފައިވާ ޤައުމެއް ނޫނެވެ. ޔަހޫދީންގެ ޙަމަލާތަކުގައި މިހާތަނަށް އީރާނުގެ 200އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ދުވަސްވީ މީހުން ހިމެނޭ ގޮތަށް އެ ޢަދަދުގެ 90 އިންސައްތަ ޙިއްޞާ ކުރަނީ އާންމުންނެވެ.
ތެހްރާންގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިޔުމަށް ޔަހޫދީން އިންޒާރު ދެމުންދާ ނަމަވެސް އިރާނުގެ ސަރުކާރުން ދަނީ ރައްޔިތުން ކަންބޮޑު ނުވުމަށް ގޮވައިލަމުންނެވެ. އެ އިންޒާރުތަކަކީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަ ކޮށްފަައެވެ. އީރާނުން ވަނީ މިސްކިތްތަކާއި މަދަރުސާތަކާއި ރޭލު ސްޓޭޝަންތައް ރައްޔިތުން ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރުމަށް އަބަދު ވެސް ހުޅުވިފައި ހުންނާނެ ކަމަށް ބުނެފައެވެ.
އާންމުން ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ތަކެތި ގަނޑުކޮށް ގަންނަން ފަށާފައިވާއިރު، ސަރުކާރުން ބުނަމުންދަނީ މަދު ނުވާވަރަށް ސާމާނު ލިބެން ހުރި ކަމަށެވެ. ބޭންކުތަކުން ފައިސާ ނެގުމަށް ވެސް ގިނަ ޢަދަދެއްގެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ބެންކުތަކުން ވަނީ ފައިސާ ނެގޭ މިންވަރު ވެސް ދަށް ކޮށްފައެވެ.
ޙަމަލާތަކުން ރައްކާތެރިވުމަށް ގިނަ ޢަދަދެއްގެ ބަންކަރުތައް ޤާއިމު ކޮށްފައި ހުންނަ ޔަހޫދީ ދައުލަތުން މިހާތަނަށް 20ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ޔަހޫދީން އެންމެ ފަހުން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ދައުލަތުގެ މީޑިޔާއަށް ވަނީ މިސައިލް ޙަމަލާއެއް ދީފައެވެ. އެ ޙަމަލާއަށް ފަހު އީރާނުން ވަނީ މީގެ ކުރިން ނުދޭ ވަރުގެ ވަރުގަދަ ޙަމަލާއެއް ޔަހޫދީންނާ ދެކޮޅަށް ދިނުމަށް އެ ޤައުމުން ތައްޔާރުވަމުންދާ ކަމަަށް ބުނެފައެވެ. އީރާނުން ދަނީ ގިނަ ޢަދަދެއްގެ މިސައިލް ޙަމަލާ ޔަހޫދީ ދައުލަތަށް އަދިވެސް ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ދައުލަތުގައި ހުންނަ އެމެރިކާގެ ކޮންސުލޭޓް ހުންނަ ސަރަޙައްދަށް ވެސް ޙަމަލާއެއް އަމާޒުވެފައިވާ ކަަމަށް އިސްރާއީލަށް ކަނޑަައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިލް ހަކަބީ ވަނީ ވިދާޅުވެފައެވެ.
ޖޫން މަހުގެ 13ވަނަ ދުވަހުން ފެށިގެން އަށް ފަހަރެއްގެ މަތިން އީރާނުން މިސައިލް ޙަމަލާތައް ދީފައިވާއިރު، ޔަހޫދީންގެ ހަތަރު އެފް-35 ޖެޓާއި 100އަށްވުރެ ގިނަ ޑްރޯން އީރާނުން ވަނީ ވައްޓާލައިފައެވެ. އީރާނުން އިތުރު ޙަމަލާތަކެއް ޔަހޫދީ ދައުލަތުގެ ހައިފާއަށް ދޭނެ ކަމަށް ބެލެވޭތީ ހައިފާގެ އާންމުން ރައްކާތެރި ހިޔާތަކުގައި މަޑުކުރުމަށް ޔަހޫދީ އިދާރާތަކުން ވަނީ އަންގައިފައެވެ. އައު މިސައިލްތައް އަމާޒަށް ވާޞިލްވަމުންދާއިރު ޔަހޫދީންނަށް ދަނީ ޙަމަލާތަކުގައި ޒަޚަމްވަމުންނެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ތެހްރަންގެ ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ގޮވާލައިފައެވެ. މީސްމިޑިޔާގައި ޙިއްޞާ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް ނުގެންގުޅެވޭނެ ކަމަށެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތަކުގެ ސަބަބުން ޖީ7 ބައްދަލުވުމުގައި ބައިވެރިވުމަށް ޓްރަމްޕް ކެނެޑާއަށް ކުރައްވަމުންދާ ދަތުރުފުޅު ކުރު ކޮށްލައްވައި އެނބުރި އެމެރިކާއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމެރިކާއިން ވަނީ އިޢުލާނު ކޮށްފައެވެ.