އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު މެލޭޝިއާއަށް ފުރައިފިއެވެ.
މުބާރާތް ބާއްވާ ގައުމުކަމަށް މެލޭޝިއާއަށް ޖޫނިއާ ކުރިކެޓު ޓީމު ފުރާފައިވަނީ އިއްޔެ ހަވީރުއެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 20އިން އަންނަ ޖުލައި މަހުގެ 6 އަށް މެލޭޝިއާގެ ސެލަންގޯރގައެވެ. ދިހަ ގައުމަކުން ވަދަކުރާ މިމުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ރާއްޖެ ހިމެނެނީ މެލޭޝިއާ، ހޮންގކޮންގ، ތައިލެންޑްގެ އިތުރުން މިޔަންމާއާއެކު ގްރޫޕް ބީގައެވެ.
މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޓީމުގެ ކޯޗު ބުނީ ފާއިޒު ސަމަދު ބުނީ މެލޭޝިއާއަށްދާ ޓީމަކީ އުމުރުގެ ގޮތުން ވަރަށް ހަގު ޓީމެއްކަމަށެވެ. އަށްވަރަކަށް މަސްދުވަހުގެ ފަރިތަކުރުންތަކަކަށްފަހު ޓީމުން މިފުރަނީ ތަޖުރިބާތަކެއް ހޯދުމުގެ މަގްސަދުގައި ކަމަށެވެ. މިފުރުސަތަކީ ރާއްޖެގެ ޖޫނިއާ ކުރިކެޓު ޓީމަށް ބައިނަލް އަޤްވާމީ މައިދާނަށް ހޭނިލަން ލިބޭ ފުރުސަތެއްގެ ގޮތުގަ ފާއިޒް ސިފަކުރިއެވެ.
"އަންޑަރ 15 ކުދިންކޮޅެއް މިއުޅެނީ. މިފަހަރު އެމީހުންގެ ފުރަތަމަ އެކްސްޕޯޝަރ ޓްރިޕަކަށްވެސްވާނެ ކުރިކެޓުގަ. އެކަމު އެމީހުން ވާދަކުރަންޖެހޭނީ ވަރަށް ވަރުގަދަ ގައުމުތަކާ. ދެން އެގައުމުތަކާއެކު ކުޅެލަން ލިބުމަކީ އެކްސްޕީރިއަންސެއްގެ ގޮތުގައި އަޅުގަނޑު ބަލާނީ" ފާއިޒް ބުންޏެވެ.
އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ވާދަކުރާ 16 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމުގެ ކެޕްޓަން ޢަބްދުﷲ ކަޔާން ޢަލީ ބުނީ މިމުބާތުގަ ވާދަކުރަން ލިބުމަކީ ޓީމުގެ ކުޅުންތެރިންގެ ކުރިކެޓު ކެރިއަރަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. މިމުބާރާތުން އައު ކަންތައްތަކެއް ދަސްވާނެކަމަށާ، ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރަން މިއީ ލިބޭ ފުރުސަތެއްކަމަށެވެ.
"ޓީމުގެ ގިނަކުދިންގެ ބައިނަލް އަޤްވާމީ ފުރަތަމަ މުބާރާތް މިއީ. މިއީ ހުރިހާ ކުދިންގެވެސް ކުރިކެޓު ކެރިއަރަށް ލިބޭ ރަނގަޅު ފުރުސަތެއް" އުމުރުން އަށް އަހަރުންސުރެން ކުރިކެޓު ކުޅެމުން އަންނަ އުންމީދީ ތަރި ބުންޏެވެ.
ކަޔާން ފަދައިން ޓީމުގެ މުހިންމު ކޫޅުންތެރިއެއްކަމަށްވާ ހަސަން ރިޒާން މުހަންމަދު ބުނީ މިފުރުސަތު ލިބުމުން އުފާވާކަމަށާ ބޭނުންވަނީ މިފުރުސަތުގެ ބޭނުންކޮށް ގައުމަށް ރީތި ނަމެއް ހޯދައިދޭންކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ރާއްޖެއަށް ރަނގަޅު ނަމެއް ހޯދައިދީ މުބާރާތުގަ ރަނގަޅު ކާމިޔާބެއް ހޯދައިދިނުން" ޓިމުގެ ވިކެޓް ކީޕަރު އަދި ބެޓްސްމެންގެ ރޯލު އަދާކުރާމުންދާ އުންމީދީ ކުޅުންތެރިޔާ ބުންޏެވެ.
އޭސީސީ މެންސް އީސްޓް ޒޯން ކަޕުގައި ރާއްޖޭގެ ޖޫނިއާ ޓީމުން ވާދަކުރާ ފުރަތަމަ މެޗު ތާވަލުކޮށްފަވަނީ މިމަހުގެ 24ވަނަ ދުވަހަށެވެ. އެދުވަހު ދިވެހި ޓީމުން ނުކުންނާނީ މެލޭޝިއާއާ ވާދަކުރުމަށެވެ. އެއަށްފަހު ދެވަނަ މެޗުގައި ތައިލެންޑާ ބައްދަލުކުރާނީ މިމަހުގެ 26ވަނަ ދުވަހުއެވެ. އަދި ޖުލައި އެއްވަނަ ދުވަހު ރާއްޖޭ ޓީމުން ނުކުންނާނީ ހޮންގކޮންގާ ދެކޮޅަށެވެ.