ޚަބަރު

ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ރައީސް ކަނޑައަޅުއްވާފައިވާ އަމާޒު ހާސިލުވާނެ: ވަޒީރު މުއްޠަލިބު


  • ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި

  • ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނު

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތުން އެކަން ހާސިލް ކުރެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ކުރީ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓި އެއްބަސްވުމާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދާތީ އެ އެއްބަސްވުން އުވާލައި މަޝްރޫއުތައް އަލުން ކުރިއަށްގެންދިއުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަ ނުނަގައި ޑިޒައިން ފައިނަލްނުކޮށް ޕްރޮޖެކްޓުތައް ހިންގާފައިހުރި ކަމަށާއި އެއްބަސްވުމާ ޚިލާފަށް ޓެންޑަރ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި އަމިއްލަ ކުންފުނިތަކާ ސަބްކޮންޓްރެކްޓް ކޮށްފައިހުރިކަން ފާހަގަކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު އެމްޑަބްލިއުއެސްސީއާ މަޝްރޫއުތައް ހަވާލުކޮށް، ކުރިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނަގަންޖެހޭ ހުއްދަތައް ނަގައި އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވަޒީރު ޑރ. މުޠަލިބު ވިދާޅުވިއެވެ.

"އެކަންކަން ހައްލުކޮށް އެމްޑަބްލިއުއެސްސިން ދަނީ މަސައްކަތްތައް ފަށަން މޮބިލައިޒް ކުރުމަށް މަސައްކަތް ކުރަމުން. 2026ގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ދެވޭނެ ގޮތަށް ރައީސް ނިންމަވާފައިވާ ނިންމުން އެޗީވް ވާނެގޮތައް މަސައްކަތް ކުރިއަށްދަނީ،" އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ 2010 ވަނަ އަހަރުން ފެށިގެން އެކި ރަށްތަކުގައި ހިއްކާފައިވާ ސަރަހައްދުތަކުގައިވެސް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ބަޖެޓުގައި އެފަދަ ތަންތަނުގައި އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދެވޭގޮތަށް ހިމަނާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނީ ކޮންޓްރެކްޓަރ ފައިނޭންސް ނުވަތަ ލޯނު ފައިނޭންސްގެ އުސޫލުން ކަމަށް ވިދާޅުވިއެވެ.

"އެފަދަ މަޝްރޫއަކަށް ބޭނުންވަނީ ބޮޑު އިންވެސްޓްމަންޓެއް. އެހާ ބޮޑު އިންވެސްޓްމަންޓެއް ކުރަން ބަލާއިރު ދައުލަތުގެ ބަޓުން ޚަރަދުކުރުމުގެ ބަދަލުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ނުވަތަ ލޯނު ފައިނޭންސް އުސޫލުން ކުރިއަށްގެންދެވޭނެ މެކޭނިޒަމެއްގެ ތެރެއިން ބަޔަކު ހޯދައިން މަސައްކަތް ކުރިއަށްގެންދަން ދަނީ މަސައްކަތް ކުރަމުން،" އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައި ހުރި ގިނަ ރަށްތަކުގައި ވެސް ކޮމިޝަން ކުރުމަށްފަހު ކޮންޓްރެކްޓަރުގެ ފަރާތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބި ޚިދުމަތް ނުފެށި ހުރި ކަމަށްވެސް ވަޒީރު މުއްޠައްލިބު ވިދާޅުވިއެވެ. އެހެންނަމަވެސް ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އުސޫލުތައް ލުއިކޮށްގެން އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.