އިންޓަރގަވްމެންޓަލް މިނިސްޓީރިއަލް މީޓިން އޮން އެންޓި ޑޯޕިން އިން ސްޕޯޓްސްގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި އޭޝިއާ އަދި އޯޝޭނިއާގެ 33 ގައުމުގެ 80 އަށްވުރެ ގިނަ އެންޓި ޑޯޕިން ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކުޅިވަރު ވަޒީރުން ވަނީ މިނިސްޓަރުންގެ އަހަރީ ބައްދަލުވުމައި ބައިވެރިވެވަޑައިގެންފައެވެ.
އިންޓަގަވްމެންޓަލް މިނިސްޓީރިއަލް ބައްދަލުވުން ކުރިޔަށް ދިޔައީ މިމަހުގެ 17-18 އަށް ދުބާއީގައެވެ.
މި ބައްދަލުވުމުގައި ޔޫއޭއީ ސަރުކާރުގެ އިސް އޮފިޝަލުންނާއި ވޯލްޑް އެންޓި ޑޯޕިން އެޖެންސީގެ މަންދޫބުންނާއި މުޅި އޭޝިއާ އާއި އޯޝޭނިއާގެ ކުޅިވަރާއި އެންޓި ޑޯޕިން ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުވުމުގެ އަމާޒަކީ ސަރަހައްދީ އެއްބާރުލުން އިތުރުކޮށް، ކުޅިވަރުގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުމުގެ ދާއިރާއިން ތަޖުރިބާތަކާއި އެންމެ ރަނގަޅު އުސޫލުތައް އެއްގައުމު އަނެއްގައުމުގެ މެދުގައި ހިއްސާކުރުމެވެ.
ޔޫއޭއީން މި މުހިންމު ސަރަހައްދީ އިވެންޓް ބޭއްވިގެން ދިއުމަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ޑޯޕިންއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޔޫއޭއީން އަދާކުރާ އިސް ދައުރާއި ވައުދު އަލުން ކަށަވަރުކޮށްދޭ ކަމެއް ކަމަށް އެގައުމުން ބުނެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރުވެސް ޔޫއޭއީގައި ވަނީ މި ބައްދަލުވުމުގެ 17 ވަނަ އެޑިޝަން ބާއްވާފައެވެ. އެ ބައްދަލުވުމުގައި 36 ގައުމަކުނަ 14 ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެންމެ ފަހުން ބޭއްވި 19 ވަނަ އެޑިޝަން އޮތީ އުޒްބެކިސްތާނުގައެވެ. އެ ބައްދަލުވުމުގައި 38 ގައުމަކުން ވަޒީރުންނާއި ކުޅިވަރު ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.