ޚަބަރު

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތާށިވެފައި ތިބި ޔަހޫދީން އަނބުރާ ޤައުމަށް ގެންނަނީ


ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އަނބުރާ ޤައުމަށް ނުދެވި ތާށިވެފައި ތިބި ޔަހޫދީން ޤައުމަށް ގެންދަން ފަށައިފިއެވެ.

ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދިނުމުން އީރަނާއި ޔަހޫދީންނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަޙައްދުތައް ވަނީ ބަންދު ކޮށްފައެވެ. އެއާއެކު ޔަހޫދީންގެ އެތައް ހާސް ބަޔަކު ވަނީ އަނބުރާ ޤައުމަށް ދެވޭނެ މަގެއް ނެތި އެކި ޤައުމުތަކުގައި ތާށިވެފައެވެ. ޔަހޫދީ ސަރުކާރުން ވަނީ އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ޔަހޫދީ ރައްޔިތުންގެ ޢަދަދު 50،000އަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކޮށްފައެވެ.

އެ ފަދަ މީހުން އަނބުރާ ޤައުމަށް ގެނައުމަށް ޔަހޫދީންގެ ޤައުމީ އެއާލައިން، އެލް އަލުން ވަނީ ޚާއްޞަ ފްލައިޓެއް ބާއްވާފައެވެ. ސައިޕްރަސްގައި ތިބި ގިނަ ޢަދަދެއްގެ ޔަހޫދީ ރައްޔިތުން ގޮވައިގެން ދަތުރު ކުރި މަތިންދާބޯޓު ތެލް އަވީވް ވައިގެ ބަނދަރުގައި ޖެއްސީ ޖޫން މަހުގެ 18ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ޔަހޫދީން މިހާރު ވަނީ ގްރީސްގެ އެތެންސާއި އިޓަލީވިލާތުގެ ރޯމްއާއި މިލާންގެ އިތުރުން ފަރަންސޭސިވިލާތުގެ ޕެރިސްއިން މީހުން ގެނައުމަށް ފްލައިޓުތައް އިންތިޒާމް ކޮށްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެޜޭގައި ސައިޕްރަސް މަގުން 1،000އަށްވުރެ ގިނަ މީހުން ވަނީ އަނބުރާ ޤައުމަށް ގެނެސްފައެވެ. ޔަހޫދީން ބުނީ ޤައުމަށް އަނބުރާ މީހުން ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ ސަލާމަތީ ކަންކަމަށް ބެލުމަށް ފަހު މަރުޚަލާތަކަކަށް ބަހާލައިގެން ކަމަށެވެ.

ޔަހޫދީ ދައުލަތަށް އަނބުރާ ނާދެވި އެތައް ހާސް ބަޔަކު ތިބިއިރު އެ ޤައުމުގައި ވެސް ޤައުމަށް އަނބުރާ ނުދެވި ތާށިވެފައިވާ އެހެން ޤައުމުތަކަށް ނިޞްބަތްވާ 38،000އަށްވުރެ ގިނަ ފަތުުރުވެރިން އެބަ ތިއްބެވެ.

އީރާނުގައި ތިބި ބޭރު ޤަައުމުތަކަށް ނިޞްބަތްވާ މީހުން ވެސް ވަނީ ޤައުމަށް އަނބުރާ ނުދެވި ތާށިވެފައެވެ. އެ ފަދަ މީހުން ދަނީ އެއްގަމު މަގުން އީރާނުން ބޭރުވަމުންނެވެ. ޗައިނާއިން ވަނީ އީރާނުގައި ތިބި އެ ޤައުމުގެ ރައްޔިތުން ތެހްރާނުން ބޭރުކޮށް ތުރުކެމެނިސްތާނަށް ގެންގޮސްފައެވެ. ގިނަ ޢަދަދެއްގެ މީހުން ވަނީ ސަރަޙައްްދީ ރޮނގު ހުރަސް ކޮށް އަރުމޭނިޔާއަށާއި އަޒަރުބައިޖާނަށް ގޮސްފައެވެ.