ޚަބަރު

ދިވެހިބަހަށް އިސްކަންދިނުމަށް އެކަޑަމީން އިލްތިމާސް ކުރައްވައިފި


ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން ހައްދަވާފައިވާ ޤަވައިދާއި އެއްގޮތަށް ކަންކަން އިސްލާޙް ކުރެއްވުމަށް ދިވެހިބަހުގެ އެކަޑަމީން އިލްތިމާސްކުރައްވައިފިއެވެ. މި ޤަވާއިދާއި އެއްގޮތަށް ކަންކަން ބަދަލުކުރަން ހަ މަސްދުވަހުގެ މުއްދަތެއް ދެއްވާފައިވާކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއްވައެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން ހައްދަވާފައިވާ ޤަވާއިދު ގެޒެޓްކޮށް އާޢްމުކުރައްވާފައިވަނީ މިދިޔަ މަހުގެ 29 ވަނަދުވަހުއެވެ. 

މި ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ލިޔެކިޔުންތަކާއި ނަންބޯޑުތަކުގައި ލިޔުމުގައި ދިވެހި ބަހަށް އިސްކަންދޭންޖެހެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި މުވައްސަސާތަކުގެ ވެރިން ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކުރައްވާ ތަގްރީރުތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހި ބަހަށް ތަރުޖަމާކޮށް އެ ރައްކާކުރަންޖެހެއެވެ. މީގެއިތުރުން ދައުލަތުގެ އެކިއެކި މުވައްސަސާތަކުގެ ޚިދުމަތަށް އެދޭ ފޯމް ފަދަ ތަކެތި ހުންނަން ޖެހޭނީ ދިވެހި ބަހުންނެވެ.

އެ ޤަވާއިދުގައި ބުނާ ކަންކަން އިސްލާހުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި ޤަވާއިދުގައިވާ ބުނާގޮތަށް ކަންކަން އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ދިވެހި ބަހުގެ އެކަޑަމީން މައުލޫމާތުދެއްވައެވެ. ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝަރަފް ޢަލީ ވިދާޅުވީ، މި ޤަވާއިދަކީ ދިވެހި ބަސް އޭގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ހިފެހެއްޓުމަށް އޮތް ބާރެއްކަމަށެވެ. އެހެންކަމުން ދައުލަތުގެ މުވައްސަސާތަކުން ގަވާއިދަށް އަމަލުކުރެއްވުމަށް އަޝްރަފު އިލްތިމާސްކުރެއްވިއެވެ.

އަޝްރަފް ވިދާޅުވީ، މި ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވަން ފައްޓަވާނީ މިއަހަރުގެ ޑިސެމްބަރުމަހުގެ ފަނަރަވަނަ ދުވަހުގެ ފަހުންކަމަށެވެ. މި މުއްދަތުގެ ކުރިން މި ޤަވާއިދަށް ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ދިވެހިބަހުގެ އެކަޑަމީން ހިންގަވަމުން ގެންދަވާނެކަމަށް އެކަޑަމީން މަޢުލޫމާތުދެއްވައެވެ. އަދި މި މުއްދަތުގެ ތެރޭގައި މުވައްސަސާތަކުން މި ޤަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ބަދަލުކުރައްވާތޯ ވަރަށް ގާތުން ބައްލަވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި ބަހާއި، މައުނަވީ ތަރިކައާއި މާއްދީ ތަރިކަ ހިޔާމަތްކޮށް ރައްކާތެރި ކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ހިންގިދާނެ މަޝްރޫޢުތަކާ ބެހޭގޮތުން ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.